އެމެރިކާއިން މެދުވެރިވެގެން އެކުލަވާލެވުނު އެއްބަސްވުމުގެ ޒަރީއާއިން ބަހުރެއިންއާއެކީ ސިޔާސީ ގުޅުން ގާއިމްކުރިތާ އެއް އަހަރު ފަހުން އިސްރާއީލް އެމްބަސީއެއް ބަހުރެއިންގައި ހުޅުވައިފިއެވެ. މި އެމްބަސީ ބަހުރެއިންގައި ހުޅުވާފައިވަނީ އިސްރާއީލުގެ ފޮރިންގ މިނިސްޓަރު ބަހުރެއިންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައެވެ.
"އަހަރެމެން ރަސްމީގޮތުން އިސްރާއީލުގެ އެމްބަސީ ބަހުރެއިންގައި ހުޅުވައިފިން،" އިސްރާއީލުގެ ބޮޑުވަޒީރު ޓުވީޓު ކޮށްފައި ވެއެވެ.
"މިއަރު ނިމުމުގެ ކުރިން އިސްރާއީލުގައި ބަހުރެއިންގެ އެމްބަސީއެއް ހުޅުވާގޮތަށް ދެގައުމުން ވަނީ އެއްބަސް ވެފަ."
ޒައިތޫނި ފަތްކޯޅިއެއް ހަރުކޮށްފައިވާ އިސްރާއެއަރގެ މަތިންދާ ބޯޓުގައި ބަހުރެއިންއަށް ޒިޔާރަތް ކުރެއްވި އިސްރާއީޅުގެ ބޮޑުވަޒީރު ލަޕިޑް ވަނީ ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ އިތުރުން ވަލީ އަހުދު އަދި ބޮޑުވަޒީރު ސަލްމާން އަލް ޚަލީފާއާއިވެސް ބައްދަލު ކުރައްވާފައެވެ.
އަދި މީގެ އިތުރުން އޭނާވަނީ ބަހުރެއިންގެ ޚާރިޖީ ވަޒީރު ޑރ. އަބުދުއްލަތީފް އަލް ޒަޔާނީއާއިވެސް ބައްދަލު ކުރައްވާފައެވެ.
"އިއްޒަތްތެރި ރަސްގެފާނުގެ ލީޑަޝިޕްގެ ހަރުދަނާކަމާއި އަދި ދުރުވިސްނުމުގެ ނަތީޖާއެއްގެ ގޮތުން މިދެގައުމުގެ ދެމެދުގައި މިއަދު އޮތް ގުޅުމާއި އަދި މިހާރު ކުރިޔަށްދާ ބައްދަލުވުންތަކަށް މަގުފަހިވެގެން ދިޔައީ،" ބަހުރެއިންގެ ރަސްގެފާނާ ބައްދަލު ކުރެއްވުމަށްފަހު ލަޕިޑް ޓުވީޓް ކުރައްވާފައި ވެއެވެ.
ބަހުރެއިންއާއި އިސްރާއީލް ސިޔާސީ ގުޅުން ގާއިމް ކޮށްފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ ވެރިކަމުގައު އަރަބި 4 ގައުމަކުން ސޮއިކުރި އަބްރަހަމް އެކޯޑް އެއްބަސްވުމުގެ ދަށުންނެވެ.
ބަހުރެއިންއާއެކީ، މޮރޮކޯ އަދި ސޫދާންވެސް ވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.
އިސްރާއީލުގެ ފޮރިންގ މިނިސްޓަރު ލަޕިޑްގެ މި ދަތުރުފުޅުގައި ދެގައުމުންވަނީ 5 މެމަރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއި ކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހޮސްޕިޓަލްތަކާއި، ފެނާއި އަދި ހަކަތަ އުފައްދާ ކުންފިތަކާމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެވެ.
ބަހުރެއިންގެ ގަލްފް އެއަރއިން ވަނީ ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް ބަހުރެއިންއާއި އިސްރާއީލާ ދެމެދު ސީދާ ދަތުރުތައް ކުރަން ފަށާފައެވެ.