ވެރިކަމުގެ ތިން އަހަރު 30 ބިލިޔަން ރުފިޔާއިން ދަރުވާލައިފި: އައްބާސް

ވެރިކަމުގެ ތިން އަހަރު 30 ބިލިޔަން ރުފިޔާއިން ދަރުވާލައިފި: އައްބާސް

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 10:03
0

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ވެރިކަމާއި ހަވާލުވެފައިވާ ފަރާތުން ވެރިކަމުގެ 3 އަހަރުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ބޮލުގައި 30 ބިލިޔަން ރުފިޔާގެ ދަރަނި އަޅުވާފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިނިވަން ކަމުގެ ދިފާއުގައި ދިވެހިން މިނަމުގައި ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގެ ފަސް އަހަރުގެ ތަރައްޤީގެ ރަން ފަސްއަހަރު ނިންމާއލިއިރު ދަރާފައިވަނީ 17 ބިލިޔަން ރުފިޔާއިންކަމަށެވެ. ނަމަވެސް މިއަދު ތަރައްޤީގެ އެއްވެސް ކުލަވަރެއް ނުފެނި ދިވެހި ޤައުމު 30 ބިލިޔަން ރުފިޔާއިން ދަރުވާލާފައިވާކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރަން ފަސް އަހަރުގައި ރައީސް ޔާމީން ވެރިކަން ނިންމާލިއިރު ދަރަނި 17 ބިލިޔަން. ވެރިކަމުގެ މިވީ 3 އަހަރު މިސަރުކާރުން ދަރަނި 30 ބިލިޔަނަށް އަރުވާލައިފި. އެޅުނު ބުރިޖެއް، ލިބުނު ތަރައްޤީއެއް ނެތް. ކޯވިޑުން ރައްކާތެރިވުމަށް އަޅާނެ މާސްކެއްވެސް ނުލިބުނު. ރައްޔިތުން ސަލާންޖަހަނީ.

– އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް މިދިމާވާ ހުރިހާ ދަތިކަމުގެ އަޑީގައި އޮތީ އިންޑިއާކަމަށެވެ. މިސަރުކާރުން އިންޑިއާއަކީ މާގާތް އެކުވެރިއެއް ކަމުގައި ދެކުނުއިރު މިވީ ތިން އަހަރުގައި އިންޑިއާއިން ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށް ކޮށްދިން އެއްވެސް ކަމެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާހުރި، އެތައްކަމެއް މިޤައުމުގައި އިންޑިއާއިން ކުރަމުންދާކަމަށެވެ.

އައްބާސް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދެކޮޅަށް ތެދުވާން ކެރުނު ހަމައެކަނި މީހަކީ ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީން ނޫން އެހެން ހުރިހާ ސިޔާސީ ލީޑަރުން ތިބީ ވަކި ވަޤައުމެއްގެ އަޅުވެތި ކަމުގެ ދަށުގައު ޖެހިފައިކަމަށެވެ. ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، އިމްރާނާއި، ޤާސިމްވެސް އަކީވެސް ޤައުމަށް ޣައްދާރުވެފައިވާ ލީޑަރުންކަމަށެވެ. ރައީސް ޔާމީނަށް ޤައުމު މިއަދު ދަރާފައިވާ ދަރަނި އަދާކުރެވޭނީ އެމަނިކުފާނު މިނިވަންކޮށް އަލުން އަނބުރާ ވެރިކަމަށް ގެނެސްގެންކަމަށް އައްބާސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.