ރާއްޖެއިން އިތުރު 141 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 141 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 ސެޕްޓެމްބަރ 2021 10:00
0

ރާއްޖެއިން އިތުރު 141 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 84700 އިން މައްޗަށް އަރައިފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުތެރޭގައި 141 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުންވެސް ޕޮޒިޓިވްވި 108 މީހުންނެވެ. އަދި ރިސޯޓްތަކުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 84،720 އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ 1601 މީހުންގެ ތެރެއިން 19 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 106 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،875 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 4،410 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.