އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފި

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފި

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 02:58
0

ސިޔާސީ ތިންވަނަ ފިކުރެއް އުފަން ކުރުވުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ އާއްމު ޖަލްސާ ބާއްވަން އީސީން ހުއްދަދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ކޮމިޝަނަށް ހުށަހެޅި ފޯމު ތަކުގެ ތެރެއިން ނިސްބަތުން މަދު ފޯމެއް ފިޔަވާ ގިނަ ފޯމުތައް ހުރީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. އެހެންކަމުން އެމްއެންޕީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދުގެ ވަގުތެއްގައި ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

އެމްއެންޕީއޭގެ ސްޕޯކްސްޕާސަން ވިދާޅުވީ އާއްމު ޖަލްސާ ބާއްވާނެ ސީދާ ތާރިހެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި މިއަދު ހަވީރު އެމްއެންޕީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތާރީހެއް އިއުލާންކުރާނެއެވެ.

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އެމްއެންޕީން ވަނީ މިއަހަރުގެ ނިޔަލަށް ޕާޓީ އަށް 10،000 މެންބަރުން ހަމަކުރަން އަމާޒެއްް ކަނޑައަޅާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.