ތަރައްޤީގެ ސަފުން އެއްވެސް ރަށެއް ބާކީވެގެން ނުވާނެކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސަރުކާރަށް ރައްދު ދެއްވައިފިއެވެ.
ޝިޔާމް މިފަދައިން ސަރުކާރަށް ރައްދު ދެއްވާފައިމިވަނީ، ޅ.ނައިފަރުގައި އައިސް ޕްލާންޓެއް އެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
މިނިސްޓަރގެ ވާހަކަފުޅަށް ރައްދުދެއްވަމުން ޝިޔާމް ވަނީ މިސަރުކާރުން ވީ ވަޢުދުގެ ތެރެއިން ހަނދާނުގައި ހުރީ ކޮން ވަޢުދެއްތޯ ސުވާލުކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް ނައިފަރަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެ ވަޢުދުތައް މިއަދު ހަނދާނުގައި ނެތްކަމަށާއި، ތަރައްޤީގެ ސަފުން އެއްވެސް ރަށެއް ބާކީވެގެން ނުވާނެކަމަށެވެ.
ކޮން ވަޢުދެއްބާ ރައީސް ޞާލިޙް ހަނދުމަފުޅުގައި ހުރީ؟ ތޮށިގަނޑުމަތިން ފެށިގެން ވަޢުދުތައް ފެށީ. ސަލާން ކުރައްވަމުން ވަކި ހިސާބަކުން ކުރިން ވެވަޑައިގެންނެވިވަޢުތައް ހަނދުމަފުޅު ނެތޭ. ތަރައްޤީގެ ސަފުން އެއްވެސް ރަށެއް ބާކީވެގެން ނުވާނެ.
– އަޙްމަދު ޝިޔާމް
Kon vaudhehba Raees @ibusolih ge handhumafulhugi huree? Thoshigandu mathin feshigen vaudhuthah feshey. Salaan kuravvamun vaki hisaabakun kurin vevadaigennevi vaudhuthah handhumafulhu nethey. Tharaqqeege safun evves rasheh baakee vegen nuvaane. https://t.co/Sw7TD07FBf
— Ahmed Shiyam (@Shiyamaldives) September 27, 2021
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް، ފިޝަރިޒް މިނިސްޓަރާއި ކުރައްވާފައިވާ ސުވާލަކީ، ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، ނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދަނީ ކީއްވެތޯއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯވެސް ޝިޔާމް ވަނީ ސުވާލުކުރައްވާފައެވެ.
މެމްބަރު ޝިޔާމްގެ އެ ސުވާލަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވި، ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއް ނޫންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕެއިންގެ ތެރެއިން 2018 ސެޕްޓެމްބަރ 15ގައި ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ނައިފަރުގެ މަސްވެރިންގެ ފަރާތުން ރައީސްއަށް ހުށައެޅުއްވީ ޅ.ފެލިވަރުން ފަސޭހަ ގޮތެއްގައި އައިސް ލިބޭނެ ގޮތް އިންތިޒާމްކުރުމަށްކަމަށާއި އެއަށްފަހު އެދިފައިވަނީ އެރަށުގައި ސްލިޕްވޭއެއް ހެދުމާއި، އިންޖީން މަރާމާތުކުރާ ސެންޓަރެއް ޤާއިމްކުރުމާއި، ޑައިވްކޮށްގެން އެންހިފުން ފާދިއްޕޮޅުގައި މަނާކުރުމުގެ އިތުރުން، ލޭނު އަޅައިގެން މަސް ހިފުން ރާއްޖޭގައި މަނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2018 ސެޕްތެމްބަރު 15 ގަ ކެމްޕެއިންގެ ތެރެއިން މަސްދޯންޏެއްގައި މަސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިފަރުގެ މަސްވެރިން ރައީސްގެ ކިބައިން އެދުނު ކަންކަމުގެ ތެރޭގައި ނައިފަރުގައި އައިސް ޕްލާންޓެއް ހަދައިދޭކަށް އެދިފައެއް ނެތް.
– މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ނައިފަރުގެ މަސްވެރިން އެދުނު ގިނަ ކަންކަން މިހާރު ކުރެވިފައިވާކަމަށެވެ. އެގޮތުން ޑައިވްކޮށްގެން ދާ އަޅައިގެން މަސްވެރިކަންކުރުން މަނާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލޭނު އެޅުންވެސް ހުއްޓިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިސަރުކާރާ ހަވާލުވިއިރު ފެލިވަރުން އައިސް ޓަނެއް ވިއްކަނީ 1060 ރުފިޔާއަށްކަމަށާއި، ނަމަވެސް މިހާރު އެ އަގު 750 ރުފިޔާއަށް ދަށްކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފެލިވަރުގައި 100 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރާނެ ކަމަށާއި، އޭގެ ތެރެއިން 50 ޓަނުގެ އައިސް ޕްލާންޓް މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ