އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ބަރުލަމާނީ ފެކްޝަނަށް ތާއީދުކުރި ކެނޑިޑޭޓުން ބަލިވިކަމަށްބުނެ މިޑިއާތަކުންނާއި، އެނޫން ފަރާތްތަކުން ދައްކަމުންދާ ވާހަތަކާއި ދެކޮޅަށް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ބޭފުޅުން ތެދުވެއްޖެއެވެ.
އިންތިޚާބުގެ ވޯޓުލުން ނިމި ނަތީޖާތައް ލިބުނުތާ 12 ވަރަކަށް ގަޑިއިރުފަހުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ އިސް ބޭފުޅުން ވަނީ، އެނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުން ބަލިވިކަމަށް ދެކެވޭ ވާހަތަކުގެ ދިފާއުގައި ނިކުންނަވާފައެވެ. ބަރުލަމާނީ ކެނޑިޑޭޓުން ބަލިވިކަމަށް މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ގުޅިގެން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ފާޅުކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރި ޓްވީޓުގައި ވިދާޅުވީ ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ކެނޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރިމަކީރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުން އެމްޑީޕީގެ ޤައުމީ މަޖިލިސްއަށް އިންތިޚާބު ވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯލްވެސް ނަގަން ނޫޅުއްވާކަމަށެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު ދައްކާ ގޮތުން ރައީސް ޞާލިހަށް ތާއީދުކުރައްވާ 100 އަށްވުގެ ގިނަ ކެނޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. މިބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ މެމްބަރުންނެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުން ބަލިވިކަމަށް މީޑިޔާތަކުން ޚަބަރު ފަތުރާތީ މިނިޒާމުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ސްޕޮންސަރުން ފޮނުވާ ޚަބަރުތައް ނޫސްތަކުގައި އެއްވެސް އަހާލުމެއްނެތި ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.
ބަލާލުމެއް، އަހާލުމެއް ނެތި، ‘ސްޕޮންސަރުން’ ފޮނުވާހާ އެއްޗެއް ނޫސްތަކުގައި ޖަހާކަށް ނުވާނެ. ނޫސްވެރިކަމުގެ ވެސް ޒިންމާތަކެއް އޮވޭ. އޮޅުވާލުމުގެ ބަދަލުގައި ތެދު ހާމަކުރައްވާ!
– ވައްޑެ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުން ކާމިޔާބު ކުރިކަމަށް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުން ވަނީ ވިދާޅުވަމުންނެވެ. އިންތި ވިދާޅުވީ އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްވެސް އެހީތެރިކަމެއްނެތި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުން ކުރި ބުރަ މަަސއްކަތުން ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއްކަމަށެވެ.
އަދި އިއްޔެގެ ނަތީޖާއިން ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއިމެދު ސަރުކާރުން މިހާރު ވިސްނަންޖެހޭކަން ވަރަށް ރަނގަޅަށް ހާމަވެފައިވާކަމަށެވެ. އަދި ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް މެމްބަރުން ކުރެއްވި ކެމްޕެއިނަކީ ނަމޫނާ ކެމްޕެއިނެއްކަމަށް އިންތި ވިދާޅުވިއެވެ.
އިތުރު އެހީތަކަކާ ނުލައި، އެކި ސަރަޙައްދުތަކުން ބަރުލަމާނީއަށް ފާޅުގައި ކެމްޕޭންކުރި މި ޕާރޓީ ރަމްޒުކޮށްދޭ ވަރުގަދަ ގިނަ ކެންޑިޑޭޓުން ކުރި ހޯދި ހޯދުމުން، ވެރިކަމުގެ ނިޒާމީ މައްސަލައާ މެދު މާބޮޑަށް އަޅާލާންވެއްޖެކަން ދައްކުވައިދޭ. މަރުޙަބާ!
– އިންތި ވިދާޅުވިއެވެ.
ބަރުލަމާނީ އަށް ތާއީދުކުރާ ކެނޑިޑޭޓުން މޮޅިވިކަމަށްބުނެ އިންތިޚާބުވި ކެނޑިޑޭޓުންވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ހެންވޭރު ހުޅަނޑު ދާއިރާގެ ރައީސްކަމަށް އިންތިޚާބުވި އައިކު ވިދާޅުވީ މިއިންތިޚާބުން މޮޅުވީ ބަރުލަމާނީއަށް ތާއީދުކުރާ ކެނޑިޑޭޓުންކަމަށެވެ. އެއީ އޮޅުވާލައި، ފޮރުވާލެވެން އޮތްކަމެއް ނޫންކަމަށާއި، ސްޕޮންސާރ ދީގެން ޚަބަރު ޖެހި ކަމުގައި ވީނަމަވެސް އެހަގީގަތް ބަދަލު ނުވާނެކަމަށެވެ.
އޮޅޭ، ފޮރުވޭ ވަރަށްވުރެއް މާސާފު، ސީދާ ކާމިޔާބެއް ބަރުލަމާނީ ކެނޑިޑޭޓުން ހޯދައިފި! މަރުހަބާ އެމްޑީޕީ! މަރުހަބާ ދިވެހި ރައްޔިތުން! މިފަދަ އާޓިކަލްތަކުގެ ސްޕޮންސާޑް ލިޔުމެއްކަން އެނގޭ ފަދަޔަކުން ފާހަގަކުރުމަކީ ބޭނުންތެރިކަމެއް.
– އައިކު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ރައީސް ޞާލިހު ކާމިޔާބު ކުރެއްވި 65 ގޮނޑި އާއި ގައުމީ މަޖިލީހަށް އަމިއްލައަށް އިލެކްޓުވާ މެންބަރުން ހިމަނައިގެން 100 އަށް ވުރެ ގިނަ މެންބަރުންނަކީ ރައީސަށް ތާއީދު ކުރާ މެންބަރުންނެވެ. ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއް ގުނަވަނެވެ. އެމްޑީޕީގެ ސެކެޓްރިއޭޓާއި އެހެނިހެން ކޮމިޓީތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އޮތީ ގައުމީ މަޖިލީހަށެވެ. އަދި ޕާޓީގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި މުހިންމު ނިންމުންތައް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާތަކުންނެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެމްޑީޕީގެ މެމްބަރުން ވޯޓުލާ، ގައުމީ މަޖިލިހަށް މެމްބަރުން އިންތިޚާބުުރި މި އިންތިޚާބުގައި ބޮޑުތަނުން ކުރި ހޯދާފައިވަނީ، ރައީސް ސާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންކަން، އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަގަޅަށް ސާފުވާން އެބަ އޮތެވެ. އަދި އިންތިޚާބުގައި ނަޝީދަށް ތާއީދު ކުރާ، ބަރުލަމާނީ ނިޒާމް ޕްރޮމޯޓު ކުރަމުން އައި، އަދި ފާޅުގައި ނަޝީދަށް ތާޢީދު ކުރަމުން އައި، ބައެއް މެމްބަރުންނާއި އަދި ޒަމާނުއްސުރެ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ގިނަ ކެޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން މިއަދު މިއިންތިޚާބު ގިނަބަޔަކު ސިފަކުރަމުންދަނީ، މިއީ ނަޝީދުގެ ބަރުލަމާނީ ކެމްޕޭނަށް އެމްޑީޕީގެ މެމްބަރުން ދިން ވަރަށް ފުރިހަމަ ޖަވާބެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ