އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑުން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި ރޭ މި ދެ ޓީމު ވާދަކުރި ފޯރިފަދަ މެޗު ނިމުނީ 1-1 އިން އެއްވަރުވެެގެންނެވެ. މި މެޗުން ލިވަޕޫލް މޮޅުވިނަމަ އެޓީމަށް 1 ވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތީ ތަނަވަސްވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އީތަން ޕިނޮކްއެވެ. ނަމަވެސް ބްރެންޓްފޯޑަށް ލީޑުގައި އޮވެލަން ލިބުނީ އެންމެ 4 މިނެޓެއެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޮޓާ ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު 54 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. މިއީ ސަލާހު ލިވަޕޫލަށް ޕްރިމިއާ ލީގުގައި ޖަހައިދިން 100 ވަނަ ލަނޑެއެވެ. ސަލާހް ލިވަޕޫލަށް ލީޑު ނަގައިދިންދާ 9 މިނެޓު ފަހުން ބްރެންޓްފޯޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވައިޓަލީ ޔަނެލްޓްއެވެ. ބްރެންޓްފޯޑުން ނަތީޖާ ހަމަހަމަކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ދެވަނަ ފަހަރަށް ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ލީޑު އަތުލާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ، ކާޓިސް ޖޯންސްއެވެ. މި ލަނޑާއެކު މި މެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް ބްރެންޓްފޯޑުން ވަނީ 82 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ޔޮއާން ވިއްސާއެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 14 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 1 ވަނައިގައެވެ. 2 ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި، 3 ވަނައިގައި އޮތް ޗެލްސީ އާއި، 4 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި 5 ވަނައިގައި އޮތް އެވަޓަނަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. އަދި 6 މެޗުން ލިބުނު 9 ޕޮއިންޓާ އެކު ބްރެންޓްފޯޑް އޮތީ ލީގުގެ 9 ވަަނައިގަ އެވެ.