އަންނަ މަހުގެ 1ގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގަންނަވައިފގިއެވެ.
ޤައުމީ ޓީމާއެކު އެމަނިކުފާނު ހުންނެވިކަން ބަޔާންކޮށް ނެރުނު ބަޔާނެއްގައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 އިން 16 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅާ ޓީމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުންނާއި އެކޯލިޝަންގެ ލީޑަރޝިޕާއި ކައުންސިލާއި މިކޯލިޝަނަށް ނިސްބަތްވާ އެންމެހާ މެންބަރުންގެ ފަރާތްޕުޅުން ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށެވެ.
އަދި މިމުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެފް.އޭ.އެމް ގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ވަރަށް ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާ އެކަން ކާމިޔާބު ކުރައްވާފައިވާތީ، އެކަމުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މަރުޙަބާ ދަންނަވާކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ އޮކްޓޯބަރު 1 އިން 16 އަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މިމުބާރާތުން ރާއްޖެ ހޯދި ފަދަ ފަޚުރުވެރި ކާމިޔާބަކަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވައެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
ހަމައެއާއެކު ސާފް ޗެމްޕިއަންޝިޕްގެ ތަށި 3 ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅާ ޓީމުން ނުކުންނަ އިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށާއި، ހިތްހަމަނުޖެހުންތަކާއި، ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި، އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެން ދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވަނީ ހާމަކޮށްފައެވެ.
"ތިން ވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ޤައުމީ ޖޯޝާއި ފޯރީގައި ދިވެހި ޤައުމީ ފުޓުބޯޅާ ޓީމަށް ހިތްވަރު ދިނުމުގައި މިކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އޮތީ ތައްޔާރަށްކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. އޭގެ 10 އަހަރު ފަހުން ރާއްޖެއިން 2 ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން ތަށި ކާމިޔާބުކޮށްފައިވަނީ އަވަށްޓެރި އިންޑިޔާ ބަލިކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ