އެމެރިކާގެ އިސްވެރިން ރާއްޖެ ވަޑައިގަތުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. ފާއިތުވެދިޔަ ވިހިވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، އެމެރިކާ ސަރުކާރުގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. މިގޮތުން މިހާރުގެ ސެކެޓްރީ އޮފް ސްޓޭޓްގެ ދަތުރުފުޅު ވެގެންދިޔައީ 1992 ވަނަ އަހަރުގެ ފަހުން އެމެރިކާ ސަރުކާރުގެ މަތީ ފަންތީގެ އެންމެ އިސްވެރިޔަކު ރާއްޖެ ވަޑައިގެންނެވި ފުރަތަ ފަހަރުކަމުގައެވެ.
އެހެންމަވެސް، އެމެރިކާގެ ކުރީގެ ދެ ރައީސުންކަމުގައިވާ ޖޯޖު ބުޝްއާއި އަދި ބިލް ކުލިންޓަން އެބޭފުޅުންގެ ދައުރު ނިމުނުފަހުން، 2004ގެ ސުނާމީކާރިސާގައި ގައުމުތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކާ ފަންޑްރައިސް ކޮށްދިނުމަށް ބައިނަލް އަގުވާމީގޮތުން ކުރެވުނު މަސައްކަތްތަކަށް އެހީތެރި ވެދިނުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.
އަދުގެ ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާގެ ރައީސް ނުވަތަ މަތީ ފަންތީގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި އެފަދަ ވެރިކަޔަކު ގިނަ ފަހަރަށް ގައުމުތަކަށް ދަތުރު ކުރައްވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ އިތުރުން، އުއްމީދީ ކަންތައްތަކެއް އެޖެންޑާގައި ހިމަނުއްވައިގެންވެސް މެއެވެ. ޚާއްސަގޮތެއްގައި ރާއްޖެފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާގެ މިފަދަ ބޭފުޅަކު ވަޑައިގަންނަވާއިރު، އުއްމީދު ކުރާނޭ ކަންތައްތަކެއް ހުންނާނެކަމަށް ގަބޫލު ކުރަންވެސް ޖެހެއެވެ. އަދި ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި މުޅި ދުނިޔެ ވަނިކޮށް ކުރެވިގެންދިޔަ މިފަދަ ދަތުރުފުޅެއްގެ ތެރެއިން ރާއްޖެއަށް އެހީތެރިވެދިނުމުގެ ގޮތުންނަމަވެސް، އާދަޔާއި ޚިލާފު ކޮންމެވެސް ނިންމެވުމެއް އިއުލާން ކުރައްވާނެކަމަށްވެސް ގިނަބަޔަކު އުއްމީދު ކުރިއެވެ. ތެދުފުޅެކެވެ. ޕްމްޕެއޯގެ މިދަތުރުފުޅުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެންބަސީއެއް ހުޅުވިގެންދާނެކަން ޕޮމްޕެއޯ އިއުލާން ކުރެއްވިއެވެ. މިފަދަ ހައްސާސް ދަޑިވަޅެއްގައި މިންވަރުން، މިދަތުރުފުޅުގެ ކާމިޔާބީއާއި ނާކާމިޔާބު ވަޒަންކޮށް ދަތުރުފުޅަކީ ރާއްޖެއަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ދެންނެވެން އެބައޮތްތޯއެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމިދިއުމަށްފަހު، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރުތަކެއްކޮށް، އިންޑިއާއާއި ރާއްޖެއާއި ދެމެދު ކުރިން ގޯސްވެފަ އޮތް ގުޅުން އިންތިހާއަށް ރަގަޅުވެގެން ގޮސްފައިވާކަން މިއީ ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ރާއްޖެއާއި ބޭރު ދުނިޔެއާއި ދެމެދު ގާއިމްވެގެން ދިޔަ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ފާހަގަވެގެން ދިޔަ އެއްކަމެވެ. އަދި ބައިނަލް އަގުވާމީ ސިޔާސީ މަސްރަހުގެ ތެރެއިން ފާހަވެގެންދިޔަ އެއްކަމަކީ، އިންޑިއާއާއި ޗައިނާއާއި ދެގަމުގެ ދެމެދުގައިވެސް ސިނޯ-އިންޑިއަން ބޯޑަރުގެ މައްސަލާގައި ކޯޅުންތަކެއް ހިގަމުންދާކަމެވެ. އަދި އެއަށްވުރެ ބޮޑަށް ފާގަވާން އޮތްކަމަކީ، އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ވެރިމަކުމުގައި އެމެރިކާއާއި ޗައިނާ ހަތުރުންނަށް ވެގެން ގޮސްފައިވާ ކަމެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ޝައުގުވެރިކަން ޗައިނަ އަދި އިންޑިއާވެސް ހިމެނޭ މިސަރަހައްދުގައި އިންތިހާއަށް އޮންނާނޭކަން މިއީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.
ޕްމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދުއާއިއެކީ ޕްރެސް ކޮންފަރެންސެއް ބޭއްވިއެވެ. މި ޕްރެސްކޮންފަރެންސްގައި ޕޮމްޕެއޯ ވަނީ ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. ރާއްޖޭގެ ސީދާ މަސްހަތު ހުރި ތިމާވެށީގެ ރައްކާތެރިކަމާއި ގުޅުން ހުރިކަމެއްގައި، ޗައިނާއަށް އަމާޒުކޮށް ޕޮމްޕެއޯ ފާޑު ވިދާޅުވުމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މިދަރުފުޅުޅުގެ ހަގީގީ މަގުސަދާއިމެދު މިއަދު ކަމުގެ މާހިރުން ގެންދަވަނީ އެތަކެއ ސުވާލުތަކެއް އުފައްދަމުންނެވެ. ރާއްޖެއަށް ވެދެއްވާނެ ވަކި ޚާއްސަ އެހީތެރިކަމެއްގެ ނުވަތަ އެނޫނަސް މުހިންމު ނިންމެވުމެއްގެ ވާހަކައެއް އާންމުވެގެން ނުދިޔަ މި ޕްރެސް ކޮންފަރެންސްގައި، މިއަދު ދިވެހި ސަރުކަރާއި ގުޅުން އެންމެ ރަގަޅު ގޮތުގައި ކުރިޔަށް ނުދިޔަނަމަވެސް، ރާއްޖޭގެ ތަރައްގީގައި އިންވެސްޓް ކޮށްފައިވާ މުހިންމު ބައިވެރިޔަކާއި ރާއްޖެއާއި ދެމެދު ގުޅުން ކަޑައެޅިގެން ގޯސްކުރުމުގެ ނިޔަތުގައި ޕޮމްޕިއޯ ވާހަކަ ދެއްކެވުމުން އެމެރިކާ ފަދަ ގައުމެއްގެ ހަގީގީ ނިޔަތާއިމެދު ވަކީން ބޮޑަށް ސުވާލު އުފެދިގެން ދިޔައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓުގެ މިދަތުރު ފުޅުގައި ރާއްޖެއާއި އަވައްޓެރި ގައުމުތަކުގެ އިތުރުންވެސް މިސަރަހައްދުގެ ބައެއް އެހެން ގައުމުތަކަށް ޒިޔާރަތް ކުރެއްވިއެވެ. މިގޮތުން އިންޑިއާ ސްރީލަންކާގެ އިތުރުން، އިންޑޮނޭޝީއާ، އަދި ވިއެޓްނާމް ހިމެނެއެވެ. ވިއެޓްނާމަށް ވަޑައިގެން 2 މިލިޔަން ޑޮލަރުގެ އެހީ އެގައުމަށް ދެއްވާނެކަން އިއުލާން ކުރެއްވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ހަފްތާއެއްހާ ދުވަހަށް ގާތްވެފައިވަނިކޮށް ސެކްޓްރީ އޮފް ސްޓޭޓް ރާއްޖައަށް މިކުރެވި ދަތުރުފުޅުން ހާސިލްވީ ކޮންކަމެއްތޯ މިއީ ކޮންމެ މީހަކުވެސް ހިތާހިތުން ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގައި އެމްބަސީއެއް ހުޅުވާނެކަން އިއުލާން ކުރެއްވުމާއި އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ވިދާޅުވުމުގެ އިތުރުން ހާސިލްވި މުހިންމު ކަމެއް މީޑިއާތަކަށް ފެންނާކަށް ނެތެވެ. ނުވަތަ މީޑިއާތަކާއި ހަމައަށް ތިލަ ވެފައެއް ނުވެއެވެ. ދެގައުމުގެ ދަމެދުގައި ރަސްމީ ވާހަކަތަކެއް ބޭއްވިގެން ދިޔަނަމަވެސް، މިވާހަކަތަކުގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭވަރުގެ ކަމެއް ސަރުކާރުންވެސް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ރައީސްގެ އަރިހަށް ޕޮމްޕެއޯ އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ޒިޔާރަތުގެ ތެރެއިންވެސް ފާހަގަވި މިނޫން އިތުރުކަމެއް ފެންނާކަށް ނެތެވެ. އިހުތިރާމް ޒިޔާރަތެއް ވީމަ މިބައްދަލުވުމުގެ ތެރެއިން ފެންނަންޖެހޭ މާބޮޑުކަމެއް ނޯންނާނެކަންވެސް ގަބޫލުކުރަން ޖެހެއެވެ.

އެހެންނަމަވެސް މި ދަތުރުފުޅުގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި ފާހަވެގެންދިޔަ އެއްކަމަކީ ޕޮމްޕެއޯގެ ދަތުރުގެ އެއްވެސް ހިސާބަކުން ރައީސް ނަޝީދުގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަށް ފެނިގެނެއް ނުދިއުމެވެ. ކުޑަމިނުން ރައީސް ނަޝީދުގެ ޓުވީޓެއްހާ މިންވަރުވެސް ޕްމްޕެއޯގެ މިދަތުރުފުޅާއި ގުޅިގެން ފެނިގެނެއް ނުދިޔައެވެ. މިވީގޮތެއް އަދި އެގޭކަށް ނެތެވެ. ފަހަރުގައި މީގެ ޖަވާބެއް، މަޖިލިސް ރައީސް ދެން ބާއްވާ ޕްރެސް ބްރީފިންއެއްގައި ލިބިދާނެ ކަންނޭގެއެވެ.
ހުރިހާ ގޮތަކުން ބެލި ކަމުގައި ވިނަމަވެސް، ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރާއްޖެ ކުރެއްވި ދަތުރުފުޅު ފާހަގަކުރަން ޖެހެނީ ވަނދު ދަތުރުފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިދަތުރުފުޅުގައި އެމެރިކާގަ މަގުސަދެއް އޮވެދާނެ ގަބޫލު ކުރަންޖެހެއެވެ. އެމެރިކާއަކީ މުޅި ދުނިޔޭގައި އެގައުމުގެ ބާރު ދަމަހައްޓަން އިންތިހާއަށް ބޭނުންވެފަ އޮތް ގައުމެކެވެ. އަދި ރާއްޖެފަދަ މުސްލިމް ގައުމެއްގެ މަސްހަތު އެކުލެވޭ އެތަކެއް މައްސަލައެއްގައި މުސްލިމް ގައުމުތަކާއި އެމެރިކައާއި ދެމެދު އެތަކެއް މައްސަލަތަކެއް އެބަހުއްޓެވެ. މިފަދަ އެންމެހާ މައްސަލަތަކާއި ގުޅިފަ ހުރި، އެމެރިކާ ހާސިލްކުރަން ބޭނުންވާ މަގުސަދެއް އޮތްނަމަ އެފަދަ މަގުސަދެއް ހާސިލްވީ ކިހާ މިންވަރަކަށްތޯވެސް ކުރިޔަށް އޮތްތަނުގައި ހާމަ ނުވެނުދާނެކަންވެސް ޔަގީނެވެ.