ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރާއިމެދު އއ.މަތިވެރި ރައްޔިތުން ކުރާ ތުހުމަތުތަކާއި، ޖާބިރު މަތިވެރީގެ ރައްޔިތުންނަށް ދެމުންދާ އިންޒާރުތައް ތަހުގީގް ކުރުމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ގޮވާލައިފިއެވެ.
މަތިވެރިއަށް ޖާބިރުވަނީ އިއްޔެ ހަވީރު އަރަން މަސައްކަތް ކޮށްފައެވެ. އޭނާ ރަށަށް އަރަން މަސައްކަތް ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށާއި، ކައުންސިލް ބައެއް މެމްބަރުންނަށް އިންޒާރުދީ ހެދުމަށްފަހުއެވެ. ޖާބިރުގެ އިންޒާރުތަކާއި ގުޅިގެން އޭނާއަށް މަތިވެރިއަށް އެރުނަ ނުދިނުމަށް ރައްޔިތުން ވަނީ މަސައްކަތް ކޮށްފައެވެ.
ރައްޔިތުން ހުރަސް އެޅުމުން ޖާބިރު އިންނަން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ. ޖާބިރުވަނީ ހަޑިހުތުރު ބަހުން ރައްޔިތުންނާއި މުޚާތަބުކޮށް އިންޒާރުދީ ހަދާފައެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވީ މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، މަތިވެރީގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލައަކީ ބަލެންޖެހޭ މައްސަލައެއްކަމަށެވެ.
މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، މަތިވެރި ރައްޔިތުން އޭނާއާއި ދެކޮޅަށް ނިކުމެ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ހިމާޔަތުގައި އިނުމަށްފަހު ރޭ ދަންވަރު އޭނާ ވަނީ މަތިވެރިން ފައިބާފައެވެ.
މަތިވެރިން މައުލޫމާތު ދިން މީހަކު ބުނީ ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ. އަދި އޭނާ ވަނީ ރަށަށް އެރުމަށްފަހުވެސް ވަރަށް ބޮޑަށް މަސްލަހަތު ގެއްލޭގޮތުން އެއްވި މީހުންނަށްވެސް އިންޒާރުދީ ހަދާފައިކަމަށެވެ.
ކޮމެންޓު ފޮނުވާ