ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

Author
ޔޫސުފް
22 ސެޕްޓެމްބަރ 2021 09:57
0

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ގަތަރުގެ ދޯހާގައި މިހާރު ޓްރެއިނިންތައް ކުރިޔަށް ގެންދަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލުސައިލް އެފްސީއާއެވެ. މި މެޗުން ރާއްޖެ މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލުސައިލް ޓީމުންނެވެ. ނަމަވެސް އޭގެ ފަހުން ރާއްޖޭގެ ޢަލީ އަޝްފާގް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފް ރާއްޖެއިން ނިންމާލީ ޢަލީ ހައިޝަމް ކާމިޔާބުކޮށްދިން ލަނޑާއެކު، ލީޑު ނެގުމަށްފައެވެ.

ދެވަނަ ހާފް ފަށައިގެން 58 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީ އަކުން ޢަލީ ފާސިރު ވަނީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އަދި 64 ވަނަ މިނެޓުގައި ޢަލީ ހައިޝަމް ވަނީ ރާއްޖެއިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ލުސައިލް އިން ޖެހި ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ރާއްޖެއިން ހަތަރު ލަނޑު ޖެހިވެސް ފަހުންނެވެ.

ގަތަރުގެ ޓްރެއިނިން ކޭމްޕްގައި ރާއްޖޭގެ ގައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ކުރިއަށްދާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ރާއްޖެ ވާދަކުރާނީ ނޭޕާލާ އެވެ. ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ އިންޑިއާ ބަންގްލަދޭޝް އަދި ސްރީލަންކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.