ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، މަތިވެރި ރައްޔިތުން އޭނާއާއި ދެކޮޅަށް ނިކުމެ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ހިމާޔަތުގައި އިނުމަށްފަހު ރޭ ދަންވަރު މަތިވެރިން ފައިބައިފިއެވެ.
މަތިވެރިއަށް އިއްޔެ ހަވީރު ޖާބިރު ދިއުމުން އެރަށު ގިނަ ބަޔަކު ވަނީ އޭނާ ދިޔަ ލޯންޗުކައިރިއަށް އެއްވެ ރަށަށް އެރުނަ ނުދީ ދެކޮޅު ހަދާފައެވެ. ހަމަނުޖެހުންތަކާއި ގުޅިގެން ޖާބިރަށް ވަނީ ފުލުހުންގެ އިދާރާއަށްވަދެ އެތަނުގެ ހިމާޔަތް ހޯދާފައެވެ.
މަތިވެރިން މައުލޫމާތު ދިން މީހަކު ބުނީ ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ. އަދި އޭނާ ވަނީ ރަށަށް އެރުމަށްފަހުވެސް ވަރަށް ބޮޑަށް މަސްލަހަތު ގެއްލޭގޮތުން އެއްވި މީހުންނަށްވެސް އިންޒާރުދީ ހަދާފައިކަމަށެވެ.
ޖާބިރު ވަނީ އަޅުގަނޑުމެންނަށް މަރުގެ އިންޒާރުދީ ހަދާފަ. ކައުންސިލް މެމްބަރުން މަރާލާނެކަމަށްބުނެ އިންޒާރުދީފައި އެބަހުރި. ރަށު ކައުންސިލަށް ދައްކަންޖެހޭ ލާރި ނުދައްކާ އެބަހުރި. މިވަރުގެ މީހަކަށް ރަށަށް އެރިގެން ނުވާނެ.
– މަތިވެރިން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
މަތިވެރީގައި ޖާބިރުގެ ގެސްޓް ހައުސްއެއް އިދެއެވެ. ނަމަވެސް އެތަން ނުހިންގި ކައުންސިލަށް ދައްކަންޖެހޭ ލާރިވެސް ޖާބިރު ދައްކާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ