ހިތަދޫ އެޗްއާރުސީއެމް އޮފީސް ފަޅާލައި ވައްކަން ކުރި ހާދިސާއިން އިންސާނީ ޙައްޤުތައް ހިމާޔާތްކޮށް، ކުރިއަރުވާ، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އެޗްއާރުސީއެމް އިން ބުނެފިއެވެ.
އެޗްއާރުސީއެމްއިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީސް ހިންގަމުންދާ އިމާރާތާއި، މުދަލާއި ތަކެއްޗަށް މިއަދުގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީ، އިދާރާގައި ބޭނުންކުރާ ބައެއް ތަކެއްޗާއި މި ކޮމިޝަނުގެ ލިޔެކިޔުންތައް ވަނީ ވަގަށް ގެންގޮސްފައިވާކަމަށެވެ. މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަޙްޤީޤުކުރަމުންދާކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
އަދި މި ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރަމުންދާކަމަށާއި، ކޮމިޝަނުގެ އުންމީދަކީ މި ހާދިސާއިން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ސަދަން ރީޖަނަލް އޮފީހުގެ ޚިދުމަތްތައް ކުރިއެކޭ އެއްފަދައިން ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ހާދިސާގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަނުން އިންސާނީ ޙައްޤުތައް ހިމާޔާތްކޮށް، ކުރިއަރުވާ، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
އައްޑު އެޗްއާރުސީއެމް އޮފީހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން، ބައެއް ޑޮކިއުމަންޓަ ތަކާއި، 2 ލެޕްޓޮޕް އަދި ޑީވީއާރު ވަގަށް ނަގާފަިއވާކަމަށް އެނގިފައިވާކަމަށެވެ. މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. މިމައްސަލާގައި ހިތަދޫ އެޗްއާރުސީއެމްއިން އޮފީހުން ވިދާޅުވީ މިވައްކަމުގައި ލިބިފައިވާ ގެއްލުން ވަރަށްބޮޑުކަމަށެވެ. އަދި މިހާރު ފޮރެންސިކް އެވިޑެންސް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ވަގަށް ގެންގޮސްފައިވާކަމަށް މިވަގުތަށް ބެލެވޭ ތަކެތީގެ ތެރޭގައި ސާރވާ ޑިސްކާއި، ލެޕްޓޮޕްތަކާއި، ކެމެރާތައްވެސް ހިމެނޭކަމަށެވެ. ވައްކަމުގައި އޮފީހުގެ ސާރވާވެސް އެއްކޮށް ހަލާކުވެފައިވާކަމަށް ހިތަދޫ އެޗްއާރުސީއެމް އޮފީހުން ވިދާޅުވެއެވެ. ވައްކަން ކުރި މީހުން ވަދެފައިވަނީ އޮފީހުގެ ކުޑަދޮރުގެ ދެ ތަންޑު ނައްޓާލައިގެންކަމަށްވެސް އައްޑޫ އެޗްއާރުސީއެމް އޮފީހުން ވިދާޅުވެއެވެ.
އައްޑޫސިޓީ ހިތަދޫގައި އެޗްއާރުސީއެމްގެ އޮފީސް ހުޅުވާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ