ނ. ވެލިދޫގައި ސަރުކާރުން ގާއިމުކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހަށް އެއްކޮށް ނިންމާލެވޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ވެލިދޫގެ އިތުރުން ކ. ކާށިދޫ އަދި ލ. ގަމުގައިވެސް ރީހެބް ސެންޓަރުތަކެއް އެޅުމަށް މިދިޔަ އަހަރުގެ މާޗު މަހު އާރުޑީސީއާ ވަނީ ހަވާލުކޮށްފައެވެ. ޑްރަގް ކޯޓުން ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކާށިދޫ އަދި ގަމުގައި ހަދާ ސެންޓަރުތަކުގެ މަސައްކަތް 2027 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާއި އެކަމުން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކާމެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކުރަންޖެހޭކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމައުއަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ބާކީނުކޮށް ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަކީ ވަޒީފާދޭ ފަރާތްތަކާއި އާންމު ފަރުދުންގެވެސް ވަރަށް ބޮޑު ޒިންމާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ