ރައްޔިތުންނާ ވަކިން ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް މުއިއްޒު ވަރަށް އަވަހަށް ހުޅުވާލައްވަނީ

ރައްޔިތުންނާ ވަކިން ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް މުއިއްޒު ވަރަށް އަވަހަށް ހުޅުވާލައްވަނީ

Author
އަހުމަދު
26 ޖޫން 2026 11:51
0

އާންމު ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކައި ހާއްސަ ފުރުސަތުތަކެއް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ 93 ދާއިރާ ހިމެނޭހެން، ކޮންމެ ދާއިރާއަކުންވެސް 10 ވަރަކަށް ނުވަތަ 15 ވަރަކަށް އާއިލާއަށް މި ފުރުސަތު ދެއްވާނެކަމަށާއި، ހުރިހާ ދާއިރާއެއް ކަވަރުކުރުމަށް އަހަރެއްހާ ދުވަސް ނަގާނެކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ބައްދަލުވުންތަކުގެ ސަބަބުން ގިނަ ބަޔަކަށް އެމީހަކު ބޭނުންވާ ވާހަކައެއް ސީދާ އެމަނިކުފާނާ ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހަމައެކަނި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރެއްވުމުގެ ބަދަލުގައި، އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހުސްކުރައްވާނެ ކަމަށެވެ. އަދި މީގެ ކުރިން މާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ލިބިވަޑައިގަތް ޝަކުވާތަކާއި، ހާއްސަކޮށް ބޯހިޔާވަހިކަމާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައްޔިތުންގެ ފަރާތުން އަންނަ ކޮންމެ އެދުމަކަށްވެސް ސަމާލުކަންދެއްވައިގެން އެކަންކަން ބައްލަވައިދެއްވާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަކީ ވަރަށް ސީރިއަސްކޮށް ނަންގަވާ ކަމެއްކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.