އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެމް.ޑީ.ޕީގެ ކުރީގެ ޕީ.ޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެންގެވިކަމަށް ތުހުމަތުކުރެވޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް މިމައްސަލަ މިއަދު މަޖިލީހަށް އެޖެންޑާ ކޮށްފައި ނުވެއެވެ. މިމައްސަލާގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި އެމް.ޑީ.ޕީގެ ކުރީގެ ޑެޕިޔުޓީ ޕީ.ޖީ ލީޑަރުކަމާއި އެމްޑީޕީގެ ޗެއަރޕަރސަންކަންވެސް ކުރައްވާފައިވާ ޢަލީ ވަހީދު، 20 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި، ރެހެންދި ފްލެޓްގައި އަޙުމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓުން ކަޅު ދަބަހެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، 35 މިލިއަނަށްވުރެ ގިނަ ފައިސާ ގެންދެވިކަމަށް ތުހުމަތު ކުރައްވާފައިވާކަމަށެވެ.
އެކަން ސާބިތުވާނެ ސީސީޓީވީ ފުޓޭޖް ހުންނާނެކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ނޫސްވެރިންގެ ކުރިމަތީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މައްޗަށް ކަންބޮޑުވާފަދަ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާތީއާއި، އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤަށް މުޙައްމަދު ޙުސައިން (އޮއިއްޓޭ) ދެއްވި ބަޔާނުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު، އަޙުމަދު އަދީބު އަތުން ފައިސާ ގެންދެވިކަމަށް ބުނާ ބައިތައް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކޮށް، ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅު ތަޙުޤީޤު ބަޔާނުން އުނިކޮށްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަމުންގެންދަވާ ބޭފުޅަކާމެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ، މިނިވަން، އިންޞާފުވެރި ތަޙުޤީޤަކަށް މަގުފަހިކުރުމަށްޓަކައި ތަޙުޤީޤު ނިމެންދެން،ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެކަހެރިވެވަޑައިގަތުމަށާއި އެމްއެމްޕީއާރސީގެ ފައިސާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެންގެވި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މި މައްސަލަ ދިވެހި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން، އިންޞާފުވެރި، ހަފުށް ފެންނަ ގޮތަކަށް ތަޙްޤީޤު ކުރެއްވުމަށް މިމައްސަލާގައި ވަނީ ގޮވާލާފައެވެ.