ފައިޒާ އިންކް އާއި ބައޯއެންޓެކް އިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އިން، 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ވައިރަހުން ރައްކާތެރި ކޮށްދިނުމުގައި ވަރަށް ފުރިހަމަ ނަތީޖާއެއް ދައްކާދީފައިވާ ކަމުގައި މިދެކުންފުނިން ބުނެފިއެވެ.
އަދި މިހާރު، މި ދެކުންފުނިން ދަނީ، މިއުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން، އެމެރިކާ، ޔޫރަޕް އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ދިނުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންކަމުގައި ފައިޒަރ/ބައޯއެންޓެކުން ވަނީ މައުލޫމާތު ބުނެފައެވެ.
ފައިޒަރ ވެކްސިން އުފެއްދި ދެކުންފުނިން ބުނެފައިވަނީ، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހިންގުނު ކްލިނިކަލް ޓަރައަލް ތަކުގައި، ކްލިނިކަލް ޓަރައަލްގެ ދެވަނަ އަދި ތިންވަނަ ފޭސްގައިވަނީ، ވައިރަހުން ރައްކާތެރި ކޮށްދިނުމުގައި، މި އުމުރުފުރާގެ ކުދިންގެ ދިފާއީ ނިޒާމު ވަރަށް ރަގަޅަށް ހަރަކާތްތެރި ކުރުވާފައެވެ. އަދި މިއީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ ކުދިންގެ ކިބައިންވެސް ފެނިފައިވާ ނަތީޖާކަމުގައިވެސް މި ދެކުންފުނިން ހާމަ ކޮށްފައި ވެއެވެ.
"މިއަހަރުގެ ޖުލައިމަހުން ފެށިގެން، އެމެރިކާގައި ކުޑަކުދިންނަށް ކޯވިޑް19 ޖެހެމުންދާ ނިސްބަތްވަނީ، %240 އިތުރުވެފަ، މީގެއިން އެބަ ހާމަކޮށްދޭ މުޅި މުޖުތަމަޢަށް ވެކްސިން ދިނުމުގެ މުހިންމުކަން،" ފައިޒާ ކުންފުނީގެ ޗީފް އެކްޒެކެޓިވް އަލްބާރޓް ބޯލާ ނެރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ސިއްޙީ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވެފައުވަނީ، މިވެކްސިން ކުޑަކުދިންނަށް ޖެހުން ރައްކާތެރިތޯ ނުވަތަ ނޫންތޯ، ކުންފުނިން ހުއްދައަށް އެދޭތާ 3 ހަފްތާތެރޭގައި ކަމާ ގުޅުންހުރި މުވައްސަސާތަކަށް ނިންމޭނޭ ކަމުގައެވެ.
މިހާރު ދުނިޔޭގައި ފެތުރެމުންދާ، ކޯވިޑް19ގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ކޯވިޑަށް މީހުން ޕޮޒިޓިވް ވަމުންދާ ނިސްބަތް އެމެރިކާގައި ފަހަކަށް އައިސްވަނީ އިތުރުވާން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކުދިންނަށްވެސް މިބަލި ޖެހެމުންދާ ނިސްބަތްދަނީ މަތި ވަމުންނެވެ. އަދި މީގެ އެއް ސަބަބެއްކަމުގައި ބެލެވިފައިވަނީ، އުމުރުން 12 އަހަރުންދަށުގެ ކުދިންނަށް ވެކްސިން ޖަހާފައި ނުވުމެވެ.