ސިވިލްސާވަންޓުންނަކީ ޤައުމާއި ދައުލަތުގެ ޚިދުމަތުގެ މައިބަދަ ކަމަށާއި، ސިވިލްސާވަންޓުންގެ ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސިވިލްސާވަންޓުންނަށް ހައްގުވާ މުސާރަ ނުލިބޭތީ އެކަމާއި ދެކޮޅަށް މުވައްޒިފުން މިއަދު ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވެ ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލްސާވަންޓުންގެ ހައްގުތައް ހިމާޔަތްކޮށް، އެކަން ކަށަވަރު ކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ސިވިލްސާވަންޓުނަކީ ދައުލަތުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ތަންފީޒު ކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ މީހުންނަށްވާއިރު، އެމީހުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަންކަން ކުރުމަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ސިވިލްސާވަންޓުންގެ ޞުލްޙަވެރި އިޙުތިޖާޖުގައި ބައިވެރިވަން. ސިވިލްސާވަންޓުންނަކީ މިޤައުމު ބިނާކުރުމުގައި އެންމެ މުހިންމު ޚިދުމަތްތައް އަދާކުރާ ޤައުމާއި ދައުލަތުގެ ޚިދުމަތުގެ މައިބަދަ. އެމީހުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަކީ ޤައުމަށާއި މުޖުތަމަޢަށް ދިރުން ލިބިގެންދާނެކަމެއް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ސިވިލްސާވަންޓުންގެ މުސާރަ ބޮޑު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެކަން ކުރެވިފައި ނުވާތީ ސިވިލްސާވަންޓުންވަނީ މިއަދު ކަޅު ހެދުމުގައި މަސައްކަތަށް ނިކުތުމަށްފަހު މުސާރައަށް ހައްލެއް ނާންނަނަމަ މާދަމާ ވަޒީފާއަށް ނުނިކުމެ މަޑު ކުރުމަށް ނިންމާފައެވެ. މިއަދު ވެލާނާގެއަށް ދިޔަ ގިނަ މުވައްޒިފުން ތިބީ ކަޅު ހެދުމުގައެވެ. މިނޫންވެސް ސަރުކާރުގެ އެކި އިދާރާތަކަށް ވަޒީފާއަށް ދިޔަ ގިނަ މީހުން ތިބީ ކަޅު ހެދުމުގައެވެ.
ސިވިލްސާވިސްގެ ތެރެއިން މިކަމަށް އިސްނަގައިގެން މަސައްކަތް ކުރާ މީހަކު ބުނެފައިވަނީ މިކަމުގައި ހުރިހާ ސިވިލްސާވަންޓުންވެސް ބައިވެރިވާކަމަށެވެ. އަދި މިއީ މުވައްޒިފުންނަށް ހައްގުވާ މިންވަރު ހޯދުމަށް ކުރެވޭ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި، އަންނަ އާދީއްތަ ދުވަހު ސިވިލްސާވިސް ހުރިހާ މުވައްޒިފުންވެސް ސަރުކާރަށް މެސެޖެއް ދިނުމަށް މަސައްކަތަށް ނިކުންނާނީ ކަޅު ހެދުމެއްގައި ކަމަށެވެ.
ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި، ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި، މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި، ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމުގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށްވެސް ލިވިން އެލަވަންސް ލިބޭނެ ގޮތެއް ހެދުމަށް ޑިމާޑްތަކުގެ ތެރޭގައި ހިމެނެއެވެ.