އައްޑޫ މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާދިނުން ބަލައި ނުގަނެވޭނެ: އިދިކޮޅު

އައްޑޫ މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާދިނުން ބަލައި ނުގަނެވޭނެ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 09:56
0

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ރައްޔިތުން ކުރި އިޙްތިޖާޖުގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެކި މީހުންނަށް އަނިޔާދިން މައްސަލައަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޙްތިޖާޖު ރޫޅާލުމަށް ޕެޕަރ ސްޕްރޭ ޖަހާ އިޙްތިޖާޖުގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެތެރެއިން އެކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ މެމްބަރު ހުސެއިން ރަޝީދަށް ވަރަށް ބޮޑަށް އަނިޔާވެ މިހާރުދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ.

މިފަދަ ކިތަންމެ ބޮޑެތި އަނިޔާތައް ކުރިމަތިވިޔަސް ހުސެއިން ރަޝީދު ފަދަ ޒުވާނުން ޙައްޤުބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނެ. މިކޯލިޝަންގެ ފަރާތުން ފުލުހުންގެ މިޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން. ސިޔާސީ ފަރާތްތަކުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށާއި ރައްޔިތުންނާ ދޭތެރޭ އަނިޔާވެރި ޢަމަލުތައް ހިންގޭފަދަ އަމުރުތައް ފުލުހުންނަށް ނުކުރުމަށް އެއިދާރާގެ އިސްވެރިންނަށް ގޮވާލަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނި ރައްޔިތުން އިޙްތިޖާޖު ކުރަމުންދިޔަ މައްސަލައިގެ އަސްލަށް ރިޢާޔަތްކޮށް، ރައްޔިތުންގެ އަޑުއަހާ، މުޖްތަމަޢަކީ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރުމަކީ ފުލުހުންގެ ވާޖިބެއްކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާފަދަ މައްސަލަތަކުގައި ވަކި މީހަކަށް ނުބަލާ އިންސާފުން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.