ވެމްކޯ ސައިޓު ދޮރުމައްޗަށް އެޅުމަކީ ނާތަހުޒީބު ކަމެއް، ތަކުރާރުވިޔަ ނުދޭނަން: ޑރ.މުއިއްޒު

ވެމްކޯ ސައިޓު ދޮރުމައްޗަށް އެޅުމަކީ ނާތަހުޒީބު ކަމެއް، ތަކުރާރުވިޔަ ނުދޭނަން: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 12:33
0

މާލޭގައި ރަޖިސްޓްރީނުކޮށް ހުރި ގެތަކުން ކުނިނެގުން ވެމްކޯއިން ހުއްޓާލުމާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނެގުމަށްފަހު އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓު ދޮރުމައްޗަށް އެޅުމަކީ ނާތަހުޒީބު ކަމެއްކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ޑރ.މުއިއްޒު މިއަމަލު ކުށްވެރި ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެމްކޯ ދޮރުމައްޗަށް ކުނިއެޅުމުގެ އަމަލު ސަމާލުކަމަށް އައި ހިސާބުން އެކަން ބަލަން ފަށާފައިވާކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ވަރުގެ ކަމޭއް ނޫންކަމަށާއި، އެފަދަ ނާތަހުޒީބު އަމަލު ހިންގައިގެން ނުވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށެވެ.

ވެމްކޯ ދޮރުމަށްޗަށް ކުނިއެޅިކަން އަޅުގަނޑުގެ ސަމާލުކަމަށް ޑެޕިޔުޓީ މޭޔަރ ގެންނެވުމުން، އެކަން ވަގުތުން ރަނގަޅުކުރުމަށް ދެންނެވިން. އެއީ އެއްގޮތަކަށްވެސް ކޮށްގެންނުވާނޭ ނާތަހުޒީބު ކަމެއް. އެފަދަކަމެއް ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުގައި އުފެއްދި ވެމްކޯއާއި ސިޓީ ކައުންސިލާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައެވެ. ކޯވިޑް-19އާއި ގުޅިގެން ގޭބީސީތަކުން ކުނިނަގަމުން އައީ އެ ގެއެއްގެ ދިރުމަތިންނެވެ. ނަމަވެސް މިމަހު 15 އިން ފެށިގެން ގޭބީސީތަކުން ކުނިނަގަމުންދާނެކަމަށާއި، ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކުގެ ކުނި ނުނަގާނެކަމުގެ އިންޒާރު ވެމްކޯއިން ދީފައިވެއެވެ. އަދި ރޭ ވަރަށް ގިނަ ގޭގެއިން ދޮރުމައްޗަށް ކުނިތައް ނެރެފައި ހުއްޓެވެ. ނަމަވެސް ވެމްކޯއިން އެކުނިތައް ނަގާފައިނުވުމުން، މާލެ ސާފުކޮށް، އެކުނިތައް ނެގުމަށް ނުކުތީ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން މާލޭގެ އެކިސަރަހައްދުތަކުން ކުނި ނެގުމަށްފަހު ވެމްކޯ ސައިޓަށް ގެންދިއުމުން ބާޖަށް ކުނި އެޅުމަށް ފުރުޞަތު ދިނެވެ. މިގޮތުން އެއްލޮރީގެ ކުނި ބާޖަށް އެޅުމަށްފަހު ދެވަނަ ލޮރީ ވެމްކޯގެ ސައިޓަށް ވަނުމަށް ހުއްދަ ދީފައިނުވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މިކަމާއި ގުޅިގެން ސިޓީ ކައުންސިލްގެ ކުނި ލޮރީވަނީ ވެމްކޯ ސައިޓް ދޮރުމައްޗަށް އަޅާލާފައެވެ. މި ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަޒްނާ
ސާބަސް ޑޮކްޓަރ މުއިއްޒު ތީ ހަމަ މާލޭޜައްޔިތުންނަށް ލިބުނި ޖަވާހިރެއް