ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅައި ކުޅިވަރު ޤާނޫނަށް އިސްލާހު ގެންނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއެވެ. ހަސަން ވިދާޅުވީ މިއިސްލާހު ހުށަހެޅުއްވި މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށު އެރުންތައް ނައްތާލުމާއި، އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ޤާއިމްކުރުމަށްކަމަށެވެ.

އަދި ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުޞޫލެއް ޤާއިމްކުރުމާއިި، ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުންކަމަށެވެ.
ޔޫތު މިނިސްޓްރީން ކުޅިވަރުގެ އެކި ކަންކަމުގައާއި، ޚާއްސަކޮށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގައި ގެންގުޅެމުންދާ އުސޫލުތަކާއިމެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. ނިމިދިޔަ އެފްއޭއެމްގެ އިންތިޚާބާއި، ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައިވެސް ބާރާއި ނުފޫޒު އިންތިޙާއަށް ވަދެ، ވަކި ގޮތަކަށް އިންތިޚާބްތައް ކުރިއަށް ގެންގޮސްފައިވާކަމުގެ ތުހުމަތު މިހާރުވެސް ދަނީ ކުރަމުންނެވެ.
އަދި މިދެއިންތިޚާބުގައި ޔޫތު މިނިސްޓަރ މަހުލޫފްއާއި، މިނިސްޓްރީން އެކަށީގެންވާ ޒިންމާއެއް އަދާކޮށްފައި ނުވާކަމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ކުޅިވަރުގެ ވަޒީރުގެ މަސްއޫލިއްޔަތަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކަމެއްގެ ގޮތުގައި އޮތްނަމަވެސް ޤާނޫނަށް މިގެންނަ އިސްލާހު ފާސްވެއްޖެނަމަ ޤާނޫނުގެ ތެރެއިން މިނިސްޓަރަށް ދެވޭނެ ބާރުތަކާއި އިޚްތިޔާރުތަކަކީ ކޮބައިކަން ކަނޑައެޅިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ