ލިވަޕޫލުން ފަހަތުން އަރައި އޭސީ މިލާން ބަލިކޮށްފި

ލިވަޕޫލުން ފަހަތުން އަރައި އޭސީ މިލާން ބަލިކޮށްފި

Author
ޔޫސުފް
16 ސެޕްޓެމްބަރ 2021 02:17
0

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި ލިވަޕޫލުން އިޓަލީގެ އޭސީ މިލާން ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗުގައި ލިވަޕޫލް އަތުން އޭސީ މިލާން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އޭސީ މިލާންގެ ފިކައޯ ޓޮމޮރީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ލިވަޕޫލުން ލީޑު ނެގިއެވެ. އަދި އޭގެ ފަހުން މެޗުގެ ސާދަ ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ނަތީޖާގެ ފަރަގު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް މުހައްމަދު ސަލާހް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. 0-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމެން ދަނިކޮށް އޭސީ މިލާނުން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ ލިވަޕޫލް ސިއްސުވާލާފައެވެ. އެގޮތުން ސާޅީސް ދެވަނަ މިނެޓުގައި އޭސީ މިލާންގެ ރެބިކް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ޑިއާޒް ވަނީ އޭސީ މިލާންގެ ދެވަނަ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. އަދި މި ލަނޑަށްފަހުވެސް ލިވަޕޫލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. މި މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު ފަސްދޮޅަސް ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެންޑަސަންއެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ހިމެނޭ ގްރޫޕް ބީ ގައި މިރޭ އެތުލެޓިކޯ މެޑްރިޑް އާއި ޕޯތޯ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި 3 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އަދި ތިންވަނައިގައި ޕޯތޯ އޮތީ 1 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލް އަތުން މިރޭ ބަލިވި އިޓަލީގެ އޭސީ މިލާން އޮތީ ގްރޫޕްގެ ފުލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.