ހިޔާ ފްލެޓްތަކުން ވައްކަން ކުރާކަމުގެ ޝަވާވެސް ދަނީ އިތުރުވަމުން

ހިޔާ ފްލެޓްތަކުން ދަނީ ވައްކަން ކުރަމުން: އާންމު އެކުވެރި ގުޅުމުގެ ޖަމިއްޔާ

ހިޔާ ފްލެޓްތަކުން ދަނީ ވައްކަން ކުރަމުން: އާންމު އެކުވެރި ގުޅުމުގެ ޖަމިއްޔާ

ހިޔާ ފްލެޓްތަކުން ވައްކަން ކުރަމުންދާ ކަމުގައި، އާންމު އެކުވެރި ގުޅުމުގެ ޖަމިއްޔާއިން ބުނެފިއެވެ.

މި ޖަމިއްޔައިން ކުރި ޓުވީޓެއްގަ ބުނެފައިވަނީ، މި ފްލެޓްތަކަށް މީހުން ބަދަލު ވެފައިވާއިރު، މިތަނަށް ބަދަލުވަމުންދާ ނިކަމެތިންގެ މުދާ ވަގުންގެ ޝިކާރައަކަށް ވެފައިވާ ކަމުގައެވެ. އަދި ބުނެފައިވަނީ، 3 އަހަރުވެސް ހިޔާ ފްލެޓްތަކުގައި ސަލާމަތީ ކެމެރާ ހަރު ކުރެވިފައި ނުވާ ކަމަށާއި، އަދި ތަންތަނަށް އާއިލާތަކުން ބަދަލުވެ، މުދާތައް ވައްދާފައިވާއިރުވެސް، އަދިވެސް މި ފްލެޓްތައް ބެލެހެއްޓުމަށްޓަކާ ސެކިއުރިޓީން ލެވިފައި ނުވާކަމުގައެވެ. އަދި ހިސާބުގަޑުގެ މަގުތައް އަލިކުރުމަށްޓަކާ މަގުތައްމަތީ ހޮޅިބުރިތައް ވެސް އަދިވެސް ހަރު ކުރެވިފައި ނުވާކަމުގެ ޝަކުވާވެސް މި ޖަމިއްޔާއިން ކޮށްފައި ވެއެވެ.

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓު އާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މި ޖަމިއްޔާއިންވަނީ، ސަލާމަތީ ކަންކަމާއި މުދަލުގެ ރައްކާތެރިކަމަށް ސަރުކާރަށް ބަރޮސާ ނުވުމަށް ގޮވާލާ،  އެކަންކަން އަމިއްލަ އަށް ހަމަޖެއްސުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެދިފައިވަނީ، ވައްކަން ކުރަން އުޅޭމީހުން ފޮޓޯ ނަގާ މީސްމީޑިއާގައި އާންމު ކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އެހީވެ، ސަލާމަތީ ކަންކަމުގެ ޒިންމާ އަމިއްލައަށް ނަގައިގެން މިކަންކަމުގެ ހައްލު ހޯދުމަށެވެ.

ރައީސް ޔާމިންގެ ސަރުކަރުން އެޅި ހިޔާ ފްލެޓްތަކަށް މިހާރު ގިނަ އާއިލާތަކުން ވަނި ހިޖުރަ ކުރަން ފަށާފައެވެ. މިގޮތުން، ގިނަ ފްލެޓްތަކުގެ ފިނިޝަިންގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު، ބައެއް ފްލެޓްތަކުގައި މިހާރުވެސް މީހުންވަނީ ދިރިއުޅެން ފަށާފައެވެ.

ހިޔާ ފްލެޓްތަކަށް ފާއިތުވެދިޔަ ހަފްތާގައިވަނީ ކަރަންޓު ދޫކޮށް ނިންމާފައެވެ. އަދި އެޗްޑިސީން ފާއިތުވެދިޔަ ހަފްތާގައި ބުނެފައިވަނީ، ހިޔާ ފްލެޓްތަކުން އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް އައިއިރު ސޮއި ނުކޮށް ތިބީ %15 މީހުން ކަމުގައެވެ. މީގެ އިތުރުން އެޗްޑިސީން ބުނެފައިވަނީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާ ކަމުގައެވެ.

ބައެއް ފަރާތްތަކުން ހިޔާ ފްލެޓްތަކަށް މިހާރު ބަދަލުވެފައިވާއިރު، ފްލެޓްތައް ކުއްޔަށް ދޫކުރުމަށްވެސް ފޭސްބުކްގައާއި އަދި އައިބޭގައާއި އަދި ވައިބަރ ގުރޫޕްތަކުގައިވެސް ފްލެޓްތައް ލިބުނު ގިނަފަރާތްތަކުން ހިމާރުވަނީ އިސްތިހާރު ކޮށްފައެވެ. އަދި ބައެއް ޔުނިޓްތައް ކުއްޔަށް ދިނުމަށް އިސްތިހާރު ކޮށްފައިވަނީ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ނުކޮށް ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފްލެޓްތައް ކުއްޔަށް ދޫކުރަން، އައިބޭގައާއި، ފޭސްބުކް ޕޭޖުތަކާއި އަދި ވައިބާ ގުރޫޕްތަކުގައި އިސްތިހާރު ކުރަމުން އަންނަ ބައެއް ފްލެޓްތަކުގެ އަގުތައް އުޅެނީ މަހަކު 8،500 އާއި 10،000 އާއި ދެމެދުކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާ ފްލެޓްތަކުގެ އަސްލު ކުލީގެ އަގަކީ 7500ރ. އެވެ. މީގެއިތުރުން، ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު ނަގާ 1,000ރ. ހިމަނައިގެން ފްލެޓެއްގެ އަގު ޖެހެނީ 8،500 ރުފިޔާއަށެވެ.

ފްލެޓްތައް ކުއްޔަށް ދޫކުރަން ފްލެޓް ލިބުނު ފަރާތްތަކުން ފަށާފައިވާއިރު، އެޗްޑީސީންވަނީ ފްލެޓް ކުއްޔަށް ދޫކުރުން މަނާކޮށްފައެވެ. އަދި ހައުސިންގ މިނިސްޓަރ އަސްލަމްވެސް ކުރިންވަނީ، ފްލެޓް ލިބުނު ފަރާތްތަކުން ތަނުގައި ދިރި ނޫޅެ ފްލެޓް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ބުނެފައެވެ.

އެޗްޑީސީން، ހިޔާ ފްލެޓްތަކުގެ ފިނިޝިަންގެ މަސައްކަތަށް ދީފައިވަނީ 4 މަސްދުވަހުގެ މުއްދަތެކެވެ. އެއީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިމުއްދަތުގައި ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް އެކިއެކި ކުންފުނިތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ފުލެޓްތައް ކުއްޔަށް ދޫކުރަނީތަ އެހެންވީމަ އުޅޭނެ ތަނެއްނެތިގެނެއްނޫންދޯ ފްލެޓް ހޯދަނީ

Leave a Reply

Your email address will not be published. Required fields are marked *