މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މެމްބަރުން އިތުރު ކުރުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ލ.އަތޮޅުން ގިނަ ބަޔަކު އެޕާޓީއާއި ގުޅިއްޖެއެވެ.
އެމްއެންޕީން ބުނީ، މެމްބަރުން އިތުރުކުރުމަށާއި، ޕާޓީ ޕްރޮމޯޓް ކުރުމަށް އެމްއެންޕީގެ ޓީމު ލ.އަށް ކުރާ ދަތުރުގައި އެ އަތޮޅުގެ ގިނަ ޒުވާނުންތަކެއް އަންނަނީ އެމްއެންޕީ އާ ގުޅެމުންކަމަށެވެ. އެގޮތުން ޕާޓީއާއި ގުޅުނު މީހުންގެ ފޯމާއި ހަވާލުވެވަޑައިގަތީ އެޕާޓިގެ އެއް މުއައްސިސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްއެވެ.
މެމްބަރުން އިތުރުކުރުމަށާއި، ޕާޓީ ޕްރޮމޯޓް ކުރުމަށް އެމްއެންޕީގެ ޓީމު ލާމަށް ކުރާ ދަތުރުގައި އެ އަތޮޅުގެ ގިނަ ޒުވާނުންތަކެއް އަންނަނީ އެމްއެންޕީ އާ ގުޅެމުން. pic.twitter.com/WLjFkQYRtZ
— Maldives National Party (@MNP_Secretariat) September 11, 2021
އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށް އަތޮޅުތެރެއަށް ކުރާ ދަތުރުގައި، ލ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންންޕީން ދަނީ ކޮންމެ ހަފްތާ ބަންދަކުވެސް އަތޮޅު ތެރޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް މެމްބަރުން އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެމްއެންޕީން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައާއި، އިތުރުރުގައާއި، މެދު ރާއްޖެ ތެރޭގައިވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާފައެވެ. އަދި އައްޑޫ ސިޓީގައި ވަނީ އެމްއެންޕީގެ އޮފީހެއްވެސް ހުޅުވާފައެވެ.
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ކޮމެންޓު ފޮނުވާ