މިސަރުކާރުން ވެރިކަމަަށް އައުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވހިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ބިން މިސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޑިޕޮއިޓީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދޭނެކަމަށް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެކަމީ ކުޑަކޮށްވެސް ޝައްކުވާ ކަމެއްނޫންކަމަށެވެ.
އޭނާ ވިދާޅުވީ ދާދިފަހުން ރައީސް ޞާލިހުއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިނުކަމަށެވެ. މިބައްދަލުވުމުގައި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް، ޚާއްސަކޮށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތް ހިއްސާ ކުރެއްވިކަމަށެވެ. އެގޮތުން 4،000 ހައުސިން ޔުނިޓްގެ ކޮންޓްރެކްޓެއްގައި މިފެށޭ ހަފްތާގައި ސޮއިކުރާއިރު، މީގެ ދެހަފްތާއެއްފަހުންވެސް 2،000 ހައުސިން ޔުނިޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން އެޗްޑީސީންވެސް ކުދި ކޮންޓްރެކްޓަރުންނަށް ދީގެންވެސް 500 ހައުސިން ޔިނިޓްގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޝަހީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބިން ވެފައިވާ ވައުދާ އެއްގޮތަށް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމަށެވެ.
ހުސެއިން ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންދަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތުން ފެށިގެންކަމަށެވެ. ބޯފެނާއި، ނަރުދަމާ ނިޒާމު މުޅި ރާއްޖޭގައި އަޅައި، ބޯހިޔާވަހިކަމާއި، އެނޫންވެސް އަސާސީ ކަންކަން ރަނުން ރަނަށް ފުއްދަމުންދާކަމީ ފެންނަމުންދާ ހަގީގަތްކަމަށެވެ.
2018ގެ އެމްޑީޕީ މެނިފެސްޓޯގައި އަދި ސަރުކާރުގެ އެސް.އޭ.ޕީގައި ހިމެނޭ ސިޔާސަތުތަކުގައި ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދޭނެކަމަށް ބުނެފައިވާކަމަށް ބޮންޑޭގެ މައްސަލާގައި ބުނެފައިވެއެވެ. ބޮންޑޭވަނީ ރައީސް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ