ޔޫކޭ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނެވޭތޯ ބަލަނީ

ޔޫކޭ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނެވޭތޯ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 04:05
0

އިނގިރޭސި ވިލާތުގެ ޖަލުގައި މިވަގު ހުންނެވި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާކަން އެ ޤައުމުގެ ފުލުހުން ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ބުނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަސްމި
އިނގިރޭސީންގެ ހިމާޔަތް ޕްރޮސެސް ނިމި ހިމާޔަތް ލިބެން ދެން ރެޑް ނޯޓިސް ނުނެރެ މަޑުކޮށްލީމާ އެކަން ވެސް ދެން އޮބިގެން ހިނގައިދާނެ.