އައިލެންޑްސް ޑޮޓް އެމްވީ ޕޯޓަލް ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކޮށްފި

އައިލެންޑްސް ޑޮޓް އެމްވީ ޕޯޓަލް ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
28 އޮކްޓޯބަރ 2020 05:01
0

ރަށު ފަރުތުވެރިކަމާއި ގުޅޭ އައިލެންޑްސް ޑޮޓް އެމްވީ މިނިސްޓަރ އޮފް ޓޫރިޒަމާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއިން ގުޅިގެން މަސައްކަތް ކުރަމުން އައި ރަށު ފަރުތުވެރިކަމާއި ގުޅޭ އައިލެންޑްސް ޑޮޓް އެމްވީ މިއަދު މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް އާއި ހަވާލުކުރައްވާފައިވަނީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް އެވެ.

އައިލެންޑްސް ޑޮޓް އެމްވީ މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ވަރަށް ގިނަ ރަށްރަށުގެ މައުލޫމާތު ހިމެނޭ، ރަށު ފްރޮންޓް އޮފީހަށް އެހީތެރިވެދޭ، ރަށް ޕްރޮމޯޓްކުރުމުގައި ބޭނުންކުރެވޭ ވަރަށް މުހިއްމު ޕޯޓަލް އަކަށް އައިލެންޑްސް ޑޮޓް އެމްވީ ވެގެންދާނެކަމަށް މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ފާހަގަކޮށްލެއްވިއެވެ. އަދި ކޮވިޑް19ގެ މި ހާލަތުން ރާއްޖެ އަރައިގަތުމަށްޓަކައި، ހާއްސަގޮތެއްގައި ގެސްޓްހައުސް ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ހަވާލުކުރެވި ރަށްރަށުގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނެވޭ ގޮތް ވުމަކީ ރާއްޖޭގެ ޓޫރަޒިމް މިހާރަށްވުރެން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމެއްކަން މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ.

އައިލެންޑްސް ޑޮޓް އެމްވީ ގެ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކޮށްދެއްވި އެން.ސީ.އައި.ޓީ ޑިވޮލޮޕަރުންނަށާއި އަދި މި ޕޯޓަލް އަށް ކޮންޓެންޓް އެޅުމުގައި ބުރަ މަސައްކަތްކޮށްދެއްވި މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ ބޭނުންވާ މައުލޫމާތު ރަށްރަށުގެ ގެސްޓްހައުސް، ރެސްޓޯރެންޓް އަދި އެފަދަ ޓޫރިޒަމް އާއި ގުޅޭ ދާއިރާތަކުގެ ތަންތަނުން ހޯދުމެވެ. މި ޕްރޮޖެކްޓް އަކީ ކާމިޔާބު ޕްރޮޖެކްޓް އަކަށްވެ، ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއަރ ތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓްކުރެވި ރާއްޖޭގެ ގެސްޓްހައުސްތަކާއި، އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތައް އަދި އެހެނިހެން ޓޫރިޒަމް އާއި ގުޅުންހުރި ވިޔަފާރިތައް މި ޕޯޓަލްގެ އެހީގައި ބޮޑު މަންފާއެއް ކުރުމަކީ އަމާޒެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވަނީ މި ވެބްސައިޓް މީގެ އެންމެ ފުރިހަމަގޮތުގައި ފައިދާ މުޅި ރާއްޖެއަށް ލިބޭނެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ތަނަސްވެގެންދާނެ ކަމާއި، މިހާރު ރާއްޖޭގައި ހުޅުވިފައި ހުރި %95 ގެސްޓްހައުސްގެ މައުލޫމާތު މި ޕޯޓަލްގައި ހިމެނިފައިވާ ކަމާއި، މުސްތަޤުބަލުގައި މި ވެބްސައިޓް ވެގެންދާނީ ދިވެހިރާއްޖޭގެ ވާހަކަ ކިޔައިދޭ ސައިޓެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ތަފާތު ދިރިއުޅުމެއް އުޅޭ ރަށަކަށްވެފައި، ފަތުރުވެރިން ގަޔާވާ ކަހަލަ ކަންތައްތައް ކޮންމެ ރަށަކުން ލިބެން އެބަހުރި ކަމާއި، މި ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މި މައުލޫމާތު ފޯރުކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ޕޯޓަލް އެއްކަމާއި، މި ކަންތައް ކާމިޔާބު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.