ބައެއް ގްރޭޑްތަކުގައި އިސްލާމް ފޮތާއި ޤުރުޢާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ޕްރިންޓްވެފައިވާ މައްސަލައިގައި އިޙުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ،އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އަދި އިއްޔެ ވަނީ ގްރޭޑު ދޭއް އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ހާމަވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ބައެއް ފޮތްތަކުން މައްސަލައް ފާހަގަވި ހިސާބުން އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުން، ދަރިވަރުންގެ އަތުން ފޮތްތައް ނަގާ، މައްސަލަ ހުރި ފޮތްތަކުގެ ސޫރަތްތައް ރަނގަޅުކުރުމަށް ހުރިހާ ސްކުލްތަކަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތަކުން ކުށް ފެނުމަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ޤުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުށް ފެނިފައިވާ ފޮތްތަކުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތީ ކީއްވެގެންކަމާއި އެކަމުގައި އިހުމާލުވެފައިވަނީ ކޮންބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށެވެ. އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލިބެލިމުން 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ހުރިހާ ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއުކުރުމުގެ މަސައްކަތް، މިނިވަން ފަންނީ ކޮމިޓީއަކާ ހަވާލުކޮށްގެން މިހާރު ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ