އުރީދޫގެ ހިއްސާއަކަށް 3.54 ރުފިޔާ ބަހަނީ

އުރީދޫގެ ހިއްސާއަކަށް 3.54 ރުފިޔާ ބަހަނީ

Author
އަހުމަދު
03 ފެބްރުއަރީ 2026 11:30
0

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ކަނޑައަޅާފައިވާ ޑިވިޑެންޑްގެ ގޮތުގައި، ހިއްސާއަކަށް 3 ރުފިޔާ 54 ލާރި ދިނުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައިފިއެވެ.

އިއްޔެ ބޭއްވި އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި މި ގޮތަށް ނިންމާފައިވާއިރު، އެ ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ކުންފުނީގެ އަހަރީ ރިޕޯޓު ވެސް ފާސްކޮށްފައެވެ. ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ޑިވިޑެންޑް ލިބުމުގެ ޝަރުތު ހަމަވާނީ، އަންނަ ބުރާސްފަތި ދުވަސް ކަމަށްވާ 12 ފެބްރުއަރީ 2026 ގެ މެންދުރު 2:00 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އަންނަ މާރިޗު މަހު ބާއްވަން ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ ނޯޓިސްއާއި އެޖެންޑާގެ އިތުރުން، ބޯޑުން ފާސްކުރި މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނެ ސީދާ ތާރީޚާއި، ގަޑި އަދި ވޯޓުލުމާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ވެސް އެ ދުވަހު އާންމުކުރާ ނޯޓިސްގައި ހިމެނޭނެއެވެ.

ބޯޑުން ހުށަހަޅާފައިވާ ޑިވިޑެންޑް ބަހާނީ މާރިޗު މަހު ބާއްވާ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްވުމުންނެވެ. އެ ހުށަހެޅުން ފާސްވެއްޖެނަމަ، މާރިޗު މަހުގެ ތެރޭގައި ހިއްސާގެ ފައިދާ ބެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.