ބައިނަލްއަގުވާމީ މެޗުތަކުގައި ޖެހިޖެހިގެން ބަލިނުވެ 36 މެޗު ހަމަ ކުރުމުގެ ރެކޯޑް އިޓަލީން ހަދައިފިއެވެ.
ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ސްވިޓްޒަލެންޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ނުޖެހިއެވެ. ރޭގެ މެޗުން ބަލިނުވެ ހަމަކުރި 36 މެޗާއިއެކު އިޓަލީވަނީ ސްޕެއިނާއި ބްރެޒިލުގެ ރިކޯޑު މުގުރާލާފައެވެ.
ރޭ ކުޅުނު މެޗުން އިޓަލީ އެއްވަރުވިއިރު، މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގަން އިޓަލީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ސްވިޓްޒަލެންޑުގެ ރިކާޑޯ ރޮޑްރިގޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އިޓަލީގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ސްވިޓްޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ ހުއްޓުވާފައެވެ.
އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ކޮމެންޓު ފޮނުވާ