އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އުފަންރަށް އދ.މާމިގިލީގައި އެމްއެންޕީން ކުރިއަށް ގެންގޮސްފިއެވެ.
މާމިގިލީގައި މިހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެެރިވީ، އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. ނާޒިމްވަނީ މިހަފްތާ ބަންދުގައި ދާއިރާއަށް ވަޑައިގެން ރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ކޮމެޓީތަކާއި، އާންމު ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ. ނާޒިމް މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ބައެއް މީހުން ވަނީ އެމްއެންޕީއާއި ގުޅިފައެވެ.
އެމްއެންޕީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތައް އެންމެ ފުޅާކޮށް ހިންގާ އަތޮޅުތަކުގެ ތެރޭގައި އދ.އަތޮޅުވެސް ހިމެނެއެވެ. އެމްއެންޕީއިން އެޕާޓީ އުފެއްދުމަށްޓަކައި ގިނަ ބައެއްގެ ސޮއި ހޯދަމުންދާއިރު، ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުންނާއި، ސިޔާސީ ތަޖުރިބާކާރުން ގެންދަނީ އެޕާޓީއާއި ގުޅެމުންނެވެ.
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ކޮމެންޓު ފޮނުވާ