ބްރޯޑްކޮމްއިން ޒީނާ އިސްތިއުފާ ދެއްވައިފި

ބްރޯޑްކޮމްއިން ޒީނާ އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 12:34
0

ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ޒާހިރު ވަކިކުރުމަށް ނިންމައި ތަޅުމުގައި ވޯޓަށް އަހަން ކައިރިވެފައިވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ ވަނީ އޭނާ މަޤާމުން އިސްތިއުފާ ދެއްވައި ރައީސް ޞާލިހުއަށް ސިޓީވެސް ފޮނުވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް އަންގަވައިފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގަ އެވެ. ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިއުމާއި ގުޅިގެން މިމަސައްކަތް ކުރިއަށް ނުގޮސް އޮތުމަށްފަހު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޒީނާ މަޤާމުން ވަކިކުރުމަށް ކޮމިޓީގެ މެމްބަރުން އައުލަބިއްޔަތުން ފާކޮށްފަ އެވެ.

އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ފާސްކޮށްފައިވަނީ ޒީނާގެ މެމްބަރު ކަމުގެ ދައުރު ހަމަވާން ހަ މަހަށް ވެފައި ވަނިކޮށެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަކި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ. އަދި ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ މަޤާމުން ވަކިކޮށްފައި ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ވޯޓެއްގައި ފާސްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.