މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަ ދައްކަންވީ ވަގުތު ނޫންކަމަށާއި، އެއަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އިސްލާމީ ހަޟާރާތު ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާތީ އިސްލާމް ދީން ހިމާޔަތްކޮށް ހަމަހަމަކަމާ އިންސާފް ޤާއިމްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ވެރިކަމެއް ކުރެވޭނީ ވަކި ވެރިކަމެއް އޮވެގެން ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ
އިޚްލާސްތެރިކަމާ އިންސާފްވެރިކަމާއި، ޤާނޫނުތަކުގެ ތެރެއިން ކުރެވޭނެ ވެރިކަމެއްކަމަށެވެ. އާދަމް ޝަރީފް ވިދާލުވީ މިއީ ވެރިކަމުގެ ނިޒާމްގެ ވާހަކަދައްކަންވީ ވަގުތު ނޫންކަމަށާއި، އެއަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އިސްލާމީ ހަޟާރަތު ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައި ހިސާބަށް ރާއްޖޭގެ ކަންކަން ދިއުމުގެ ކުރިން އިސްލާމްދީން ދިފާއުކޮށް އެގޭދަށުން ކަންކަން ތަރުތީބުވެގެން އަންނަ ވެރިކަމެއްކަމަށެވެ.
ރައްޔިތުން އަބަދުވެސް ބޭނުންވާނީ އަދުލްވެރިކަމާ އިންސާފާއެކު ވެރިކަން ކުރާ މަންޒަރު ދެކެން. އެހެންނަމަވެސް މިއަދު އަދުލުވެރިކަމާއެކު ވެރިކަން ކުރެވޭތަނެއް ރާއްޖެއިން ނުފެނޭ. ހަމަހަމަކަމެއްވެސް ނުފެނޭ.
– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ގެ ވާހަކަފުޅުގައި ރާއްޖޭގެ ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީގެ ފުރިހަމަ ވެރިކަމެއް އަދާކުރެއްވި ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި އޮންނަވަނިކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަކަށް ދިއުމަށް ތައްޔާރު ނޫންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ފެނިގެންދަނީ ކޮންމެ ނަމެއްގަ ވެރިކަމެއްކުރިނަމަވެސް އާއިލީ ވެރިކަމެއް ކުރެވެމުންދާތަންކަމަށެވެ. މިއީ މަލްޓިޕާޓީ ޑިމޮކްރަސީގައި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫންކަމަށާއި، ކޯލިޝަން ސަރުކާރެއް ހިނގަމުންދާއިރުވެސް ބޭނުންވާނެ ގޮތެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޯލިޝަން ސަރުކާރެއްގައި ހިތެއް ފިތެއް ނެތް ބަޔަކު ތިބީމަ މަޑުޖައްސާލައިގެން ތިބިނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިއަދު ކޯލިޝަންވެސް އެވަނީ ކަނޑާކަނޑާ ބަންގަލާސް ކިޔާހެން ފަހަރަކު މީހަކު ވަކިކުރަމުންގޮސް ބައެއް ޕާޓީތައް ކޯލިޝަންގެ ތެރެއިންވެސް ނިކަމެތިވެފައި. ނަމަވެސް އާއިލީ ވެރިކަމެއް ކުރަމުންދާއިރު މިބާވަތުގެސިފަތައް ފެންނާނެކަން އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހަގީގަތެއް.
-މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހަމުން ދާއިރުވެސް މިސަރުކާރުން އެއްވެސް ބަހެއް ނުބުނެ ހަނު ހިމޭނުން އޮންނަކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ފްރާންސް އިން ރާއްޖެ އެތެރެކުރެވޭ ތަކެތި ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ