މަބުރޫކު އަޒީރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ދައުރުގެ ކޮންމެވެސް ހިސާބެއްގައި ޖޭއެސްސީއަށް ބަދަލު ގެންނާނެ: ސަރުކާރު

ދައުރުގެ ކޮންމެވެސް ހިސާބެއްގައި ޖޭއެސްސީއަށް ބަދަލު ގެންނާނެ: ސަރުކާރު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެތުރިފައި އޮތް ގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، މި ސަރުކާރުގެ މަގުސަދަކީ، އެކަށީގެންވާ ރަގަޅު ދިރަސާތަކެއް ކުރުމަށްފަހު އޭގެ މައްޗަށް އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހާރު ކުރިޔަށް ގެންދަވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލުމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މަބްރޫކު ވިދާޅުވެފައިވަނީ، އެ ކަން ހަމަޖެހިގެންދާނީ ސީދާ ކޮން ތާރީޚެއްގައި ދަންނަވަން ދަތިވި ނަމަވެސް، ދައުރު ނިމުމުގެ ކުރިން އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ސަރުކާރުން ބަދަލު ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

މި ވެގެން ދާނީ ޖުޑިޝަރީ ނިޒާމަށް ގެނެވޭނެ އެންމެ ބޮޑު ބަދަލަކަށް، އެ ކަން ކުރަން ރަނގަޅު ދިރާސާއެއްގެ މައްޗަށް އެ ކަން ކުރަން ވެސް ވާނީ، އެހެންވީމަ ރަނގަޅު ދިރާސާއެއްގެ މައްޗަށް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ،

މަބުރޫކު ވިދާޅުވިއެވެ.

ޖޭއެސްސީއާމެދު އުފެދިފައިވާ ގިނަ ޝަކުވާތަކަކީ ހުރިހާ ސަރުކާރެއްގައިވެސް އޭރަކު އިދިކޮޅުގައި ތިއްބަވާ ބަޔަކު ކުރަމުންދާ ޝަކުވާތަކެކެވެ. އަދި ކޮންމެ ސަރުކާރަކުން، ރިޔާސީ ކެމްޕޭނުގައި، ޖުޑިޝަރީ އިސްލާހު ކުރުމަށް ކޮށްފައިވާ އެންމެ މުހިންމު ވައުދަކީ ޖޭއެސްސީ އަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމެވެ. އެހެންނަމަވެސް، އެއްވެސް ސަރުކާރަކުން ވެރިކަމަށް އައުމަށްފަހު، ޖޭއެސްސީއަށް ގެނައުމަށް ވައުދުވި އިސްލާހުތައް އެކޮމިޝަނަށް ގެނެސްފައެއް ނުވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖޭއެސްސީގައި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވައިގެން، ރައީސް ޔާމިން ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން މަބްރޫކު ވިދާޅުވެފައި ވަނީ، މިހާރު ލީކުވެފައިވާ، ބައެއް ފަޑިޔާރުންގެ އަޑުތައް ކަމަށް ބުނާ އޯޑިއޯތަކުގައި ހުރީ ކަންބޮޑުވާ ވަރުގެ ތުހުމަތުތަކެއް ކަމަށާއި އެހެންކަމުން ވީހާވެސް ބޮޑަކަށް ހުޅުވާލެވިގެން ޖޭއެސްސީން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ކޮމިޝަންގައި އިންނަވައެވެ. އޭގެ އިތުރުން، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު އިތުރުން، ރައީސް ސޯލިހްގެ ފަރާތުން ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ. ނަޖީއާއެއްގެ ގޮތުން، މި ކޮމިޝަންގައި މިހާރު މެޖޯރިޓީ ބެފުޅުންގެ ގޮތުގައި ތިއްބެވީ، ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ، އަދި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، މިހާތަނަށް އައިއިރު، ޖޭއެސްސީންވަނީ އެތައް ފަނޑިޔާރުންނެއް ސަސްޕެންޑްކޮށް، އަދި ރައްޔިތުންގެ މަޖިލިސް މެދިވެރިކޮށް މަގާމުންވެސް ވަކި ކޮށްފައެވެ. އޭގެ ތެރޭގައި ،ރައީސް ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވި ގާޒީ އަހްމަދު ހައިލަމް ވެސް ހިމެނެއެވެ. އޭނާއާމެދު ޖޭއެސްސީން ފިޔަވަޅު އެޅީ، ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *