ރައްޔިތުން ގޮވައިގެން މަގުތަކަށް ނުނިކުންނަވަނީސް ވެށިފަހި މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.
ބިމާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ގިނަ ވަޢުދުތަކެއް ވެފައިވާކަަމަށެވެ. ނަމަވެސް އެ ވަޢުދުތައް ފުއްދެމުން ނުދާކަމަށެވެ. ވެށިފަހި މާލެ ވައުދަކީ މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދެއްކަމުން ކުޑަތަންކޮޅުގައި އުޅޭމީހުން އެތަންކޮޅު ދޫކޮށްލާ މީހުންނަށް ގެދޮރު ހޯދައިދޭންޖެހޭކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
އަޅުގަނޑު މިދަންނަވަނީ މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދައިދޭށޭ. ވެށިފަހި މާލޭގެ ވަޢުދު ސަރުކާރުން ފުއްދައިދެއްވާށޭ. ވެސިފެހި މާލޭގެ ވަޢުދު، ތޮއްޖެހިފައިވާ ބިންކޮޅުތައް ދޫކޮށްލީމާ ގޯތި ދޭން ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދު ފުއްދަވާދެއްވާށޭ. ރައީސް އޮފީސް ވެބްސައިޓްގަވެސް އެސްއޭޕީގައިވެސް އެބައޮތޭ.
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ބޮންޑެ ވަނީ މިހާރު މާލޭގައި އެމްޑީޕީއަށް ވޯޓު ދޭނެ މީހަކުވެސް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ވަޢުދު ނުފުއްދާނަމަ ރައްޔިތުން ގޮވައިގެން ނިކުންނަން ޖެހިދާނެކަމުގެ އިންޒާރުވެސް ބޮންޑެ ދެއްވިއެވެ.
ފޮތިކުރަމުން ގޮސް މާމަ އިށީނދެއިން ކޮޅުފިލާގޮނޑިވެސް ބަހާލައިގެން ތިބި ގޭގޭގެ ރައްޔިތުންގެ ވެފައިވާ ވަޢުުދު ފުއްދަވާދެއްވާށޭ. ރައީސުލްޖުމްހޫރިއްޔާއަށް އާދޭހާއެކުއޭ މިދަންނަވަނީ. ރައީސް އޮފީހުގެ ވެބްސައިޓްގައިވެސް އެބައޮތޭ އެކަން. ރައްޔިތުން ގޮވައިގެން އަޅުގަނޑުމެން ނުނިކުންނަނީސް މިކަން ކޮށްދެއްވާށޭ. މާލޭގަ ނެތޭ މިހާރު ވޯޓު ދޭނެ ބަޔަކުވެސް. އެހެންވިމަ މިކަންތައްތައްވެސް ކޮށްދެއްވާށޭ.
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން 3 ކެޓެގަރީއަކުން ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. އެގޮތުން ކުދި ބިން ތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ އިތުރުން މުނިސިޕަލްޓީގެ ދަފްތަރުގައި، 30 ޖޫން 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފްލެޓާއި ގޯތި ލިބިފައިވާއިރު، ފަހުން އެ މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އެޗް.ޑީ.ސީއާއި ހަވާލުކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ