ހަރުކަށި ވިސްނުމަށް ދަރިވަރުން ދިއުން ހުއްޓުވުމަށް، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭކަމަށް އެމްޑީޕީގެ "މެއި6 ކޮމިޓީ)އިން ބުނެފިއެވެ.
ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، އެޕާޓީގެ މެއި 6 ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި ބައްދަލުކުރައްވާފައިވާކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވިފައިވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވާކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. މިގޮތުން ރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިކަމަށްވެސް ޙަސަން އަފީފް ވިދާޅުވިއެވެ.
ޙަސަން އަފީފް ވިދާޅުވިގޮތުގައި، ސްކޫލްތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން މިހާރު ދެނެގަނެވިފައިވާކަމަށާއި، މިގޮތުން އެ ފިކުރަށް ކުދިން ލެންބުމަށް ނިކަމެތި ދިރިއުޅުން އުޅޭކުދިންނަށް ޓާގެޓްކުރާކަންވެސް ދެނެގަނެވިފައިވާކަމަށެވެ. އަފީފް ވިދާޅުވީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް އަފިފް ރޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަނީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް ހާމަކޮށްފައެއްނުވެއެވެ.
ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތައް ހުރި ބައިތައް ބަލައި ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން.
– ޙަސަން އަފީފް
އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް މަސައްކަތްކުރާކަަމަށް ހާމަކޮށްފައިވާއިރު، މީގެ ކުރިންވެސް އިސްލާމް އަދި ޢަރަބި ކިޔަވައިދޭއިން އިންޑިއާއިން ޓީޗަރުން ގެންނަ މައްސަލަ ހޫނުވެފައިވެއެވެ.
އަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޖުމުލަ 10 މުދައްރިސުން އިންޑިއާގެ ކެރެލާއިން ވަނީ ރާއްޖެ ގެނެސްފައެވެ. ކެރެލާއިން ވަނީ 5 ޢަރަބި މުދައްރިސުންނާއި 5، ޤުރުއާން މުދައްރިސުން ގެނެސްފައެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއިން މުދައްރިސުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިޢުލާންކޮށް މުދައްރިސުން ލިބިފައި ނުވާތީކަމަށެވެ.
ކޮމެންޓު ފޮނުވާ