ދައުލަތުގެ ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފި

ދައުލަތުގެ ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
27 އޮކްޓޯބަރ 2020 06:10
0

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ޤައުމުތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ 67 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ދައުލަތުގެ ދަރަނި މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމާ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ ސަރުކާރުން ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަންޏާއި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗަރ ނުވަތަ ރީ-ޕްރޮފައިލްކުރުމުގެ މަސައްކަތް ދިވެހިސަރުކާރާއި އެމް.އެމް.އޭއިން ލަސްނުކޮށް ފެއްޓެވުމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި، ދަރަނި ރީސްޓްރަކްޗަރ ކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީން އެ މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ކަމާގުޅޭ ޤާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާ އިރުޝާދު ހޯއްދެވުމަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. އަދި ކޮމިޓީއަށް ޙަވާލުކުރެވޭ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމަވައި، އެ ކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ޙިއްޞާކުރުމަށްވެސް މަޖިލީހުން ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގައި ދައްކަންޖެހޭ ދައުލަތުގެ އެތެރޭގެ ދަރަނި ރޯލް-އޯވަރކޮށް، އެ ދަރަނި ދެއްކުން ފަސްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމާއި، ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިޞްލާޙުތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުގައި ދެންނެވުމަށްވެސް ފާސްކުރި ރިޕޯޓްގައިވެއެވެ. އަދި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޮނިޓަރ ކުރުމަށް މަދުވެގެން އަހަރަކު ދެފަހަރު މަޝްރޫޢު ހިންގޭ ސައިޓަށް މިނިސްޓްރީ އޮފް ފިނޭންސްއިން ނުވަތަ އެ މިނިސްޓްރީން ޢައްޔަންކުރާ ފަރާތަކުން ގޮސް މަޝްރޫޢު ކުރިއަށްދާގޮތް ބަލަމުން ގެންދިއުމަށް
ބަޔާންކޮށްފައި ވީނަމަވެސް، މި މަސައްކަތް ޢަމަލީގޮތުން ފެށިފައިނުވާކަން މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތަކުގެ މޮނިޓަރ ކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އެއުސޫލުގައި ކަނޑައަޅާފައިވާގޮތަށް، އެ އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި އެކަން ކުރަމުން ދިއުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މުޅި މަޖިލީހުން ފާސްކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުތަކުގައިކަން ފާހަގަކުރެވޭކަމާއި، ނަމަވެސް ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑު (ސަނީ ސައިޑް ބޮންޑު) ގެ އިންޓްރެސްޓް ރޭޓްއަކީ %7 ކަމަށް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާކަމަށާއި، މި ބޮންޑު ރީ-ޕްރޮފައިލް ކުރަންޖެހޭކަން ފާހަގަކުރެވޭކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި މަޢުލޫމާތުގައި ވެއެވެ. އެހެންކަމުން ދައުލަތުގެ ދަރަނި އަދާކިރުން ފަސްކުރަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.