ބަރުލަމާނީތަ؟ ނޫނީ ރިޔާސީ ނިޒާމްތަ؟

ބަރުލަމާނީތަ؟ ނޫނީ ރިޔާސީ ނިޒާމްތަ؟

Author
ހުސެއިން
23 އޮގަސްޓް 2021 07:56
0

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީން، ވެރިކަން ކުރާނެ ފުރިހަމަ ނިޒާމެއް އެކުލަވާލެވި، މުޅި ދައުލަތުގެ ހުރިހާ މުވައްސަސާއެއްވެސް މި އޮނިގަޑުތެރެއަށް ފައްތާ، އަދި ކާމިޔާބުކަމާއެކު މި ނިޒާމު ތަޖުރިބާ ކުރަމުންދާތާ މިވަނީ 13 އަހަރު ކަޑައްތު ކޮށްފައެވެ.

އާގާނޫނު އަސާސީން، ދިވެހިރާއްޖޭގައި ވެރިކަންކުރާނޭ ނިޒާމެއް ކަޑައެޅުމަށްޓަކާ 2007ވަނަ އަހަރު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ދިޔައެވެ. މި ވޯޓުގައި އޭރުގެ އެމްޑީޕީން ތާއީދުކޮށް ކެމްޕޭނު ކޮށްފައިވަނީ ބަރުނަމާނީ ނިޒާމަކަށް ތާއީދު ހޯދުމަށެވެ. އޭރު ރައީސްކަމުގައި ހުންނެވި، ރައީސް މައުމޫނުގެ ޑީއާރުޕީން ކެމްޕޭންކޮށްފައިވަނީ، ރިޔާސީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމަށެެވެ.

އާ ގާނޫނު އަސާސީ އެކުލަވާލުމަށް އެއްކުރެވުނު، ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި އެތައް ބަހުސެއްކުރެވި، އަދި އާންމު ރައްޔިތުންނާ އޭރު އުފެދިފައި އޮތް ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް އެތަކެއް ބަހުސްތަކަކާއި، ކުރިޔަށްދިޔަ އެތަކެއް ޚިޔާލު ފާޅުކުރުން ތަކަކަށްފަހުވެސް، އާންމު ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަކުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިމިގެން ދިޔައީ ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ، ރިޔާސީ ނިޒާމެއް ކަމުގައެވެ.

މި އިންތިޚާބުގައި ޖުމްލަ 154،123 މީހުން ވޯޓު ލީއިރު، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ 58،504 މީހުންނެވެ. ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ފެންނަށް ކަމަށް 95،619 މީހުން ވޯޓު ދީފައި ވެއެވެ.

2007 ވަނަ އަހަރު، ފެހި ގާނޫނު އަސާސީ ރައީސް މަުއުމޫން ތަސްދީގު ކުރައްވަނީ

ނަތީޖާއެއްގެ ގޮތުން، އާގާނޫނު އަސާސީ ތަސްދީގު ކުރެވުމަށްފަހު، ބޭއްވިގެންދިޔަ ހުރިހާ އިންތިޚާބެއްވެސް ބޭއްވިގެން ދިޔައީ ރިޔާސީ ނިޒާމުގެ އޮނިގަޑުގެ ތެރެއިންނެވެ. ދައުލަތުގެ ތަފާތު އިސް މަގާމްތަކަށް މީހުން އައްޔަންކުރުމާއި، މުވައްސަސާތަކުގެ އޮނިގަޑުތައް އެކުލަވާލުމާއި، ޝަރުއީ ދާއިރާ އެކުލެވިގެންދާ ގޮތާއި، ހެދިފައިވާ އެންމެހާ ގާނޫނުތަކާއި، ރައްިޔުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި، އަދި ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ މުވައްސަސާތަކުން ޖަވާބު ދާރީވުމާއި، ހުންނަވާ ރައީސަކަށް ލިބިގެންވާ ބާރުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް އެކިލެވިގެން ވުމާއި، ކެބިނެޓް ޖަވާބުދާރީ ކުރުވުމާއި، މިހެންގޮސް މުޅި ދައުލަތުގެ ޗެކް އެންޑް ބެލެންސް އެކުލެވި ބިނާވެފައިވަނީ ރިޔާސީ ނިޒާމުގެ މައްޗަށެވެ.

އެހެންނަމަވެސް، މިއަދު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، އެމްޑީޕީގެ އިސް ސަފުގެ ބައެއް ފަރާތްތަކުގެ ތާއީދާވެސް އެކީގަ، މިހާރު ފަށްޓަވާފައިވާ ސިޔާސީ އެންމެ މުހިންމު އެއް މަސައްކަތަކީ، ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރެވެމުންދާ ރިޔާސީ ނިޒާމު އުވާލާ، ދައުލަތުގެ ހިންގުމުގެ އޮނިގަޑު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމުގެ ސިޔާސީ މަސައްކަތެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރިޔަސީ ނިޒާމެއްތޯ އަލުން ނިންމުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާ ދެއްވުމަށެވެ.

 

ދެނިޒާމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާއަކީ ކޮބާ؟

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީވެސް، ދުނިޔޭގެ އެކި ގައުމުތަކުގައި ތަޖުރިބާ ކުރަމުންދާ، ވެރިކަން ކުރުމުގެ ދެނިޒާމެވެ.

މިގޮތުން، ދުނިޔެވީ ކޮންމެ އުސޫލަކީވެސް އޭގައި ގެއްލުމާއި ފައިދާ އެކުލެވިގެންވާ އުސޫލުތަކާއި ނިޒާމްތައް ކަމަށް ވުމާއެކު، ރިޔާސީ ނިޒާމުގައިވެސް އަދި ބަރުލަމާނީ ނިޒާމުގައިވެސް ގެއްލުމާއި ފައިދާ ފެންނާ އެބަހުއްޓެވެ.

ހަމަ މި ބީދައިން، ދުނިޔޭގެ ކާމިޔާބު ޑިކޮމްރަސީތަކުގައި، މި ދެނިޒާމުގެ ތެރެއިން ދަނީ ވެރިކަންވެސް ކުރަމުންނެވެ. އަދި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުތައް ނެތް ބައެއް ގައުމުތަކަކީވެސް، ކާމިޔާބު ކަމާއެކު، ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރިއަރަމުންދާ ގައުމުތައްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މިގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޑިމޮކްރަސީއަކީ، އެމެރިކާއެވެ. އެގައުމުގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެކެވެ. ދުނިޔޭގެ އޮތް އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިއާއެވެ. އެއީ އާބާދީގެ ނިސްބަތުން ބަލައިގެންނެވެ. އެގައުމުގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ.

އަވަށްޓެރި ސްރީ ލަންކާއަށް ބަލާލަމާތޯއެވެ. އެގައުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިޔާއަކު ހުންނަވާއިރު، ބޮޑުވަޒީރަކުވެސް ހުންނަވައެވެ. އެހެންނަމަވެސް، ބަރުލަމާނީ ނިޒާމުގެ އެންމެ މުހިންމެ ދެސިފަ ކަމުގައިވާ، ރައީސުލްޖުމްހޫރިޔާއަށް ސިޔާސީ އެއްވެސް ދައުރެއް ނޯވެފައިފައި (ގިނަ ފަހަރަށް ރަމްޒީ މަގާމަކަށް ވެފައި)، ސިޔާސީ ހުރިހާ މަސްއޫލިއްޔަތަކާއި ޒިންމާއެއް ބޮޑުވަޒީރަށް އޮންނަ އިރު، އެގަމުގެ ވެރިކަމުގެ ނިޒާމުގައި މި ސިފަ ބޮޑުވަޒީރާއި ރައީސަށް ލިބިދީފައި އޮތީ މިއުސޫލުންނެއް ނޫނެވެ.

ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަނީ

މިގޮތުން ސްރީލަންކާގައި ވެރިކަމުގެ ގިނަ ބާރުތައް ލިބިދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ސިޔާސީ އެންމެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވަނީވެސް ގައުމުގެ ރައީސެއެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ މަސްއޫލިއްޔަތުތަކާއި ބާރުތައް އެގައުމުގައި އޮތް ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އެބަ އޮތެވެ. އެހެންކަމުން، އަގައުމުގައި އޮތީ މަސްހުނި (ހައިބްރިޑް) ވެރިކަމުގެ ނިޒާމެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އަދުގެ ދުނިޔޭގައި ޑިމޮކްރަސީ ނެތް، އެހެންނަމަވެސް ޚުދުމުޚްތާރުކަމާ އެކީ ވެރިކަން ކުރަމުންދާ ގައުމުތަކަށް ބަލާއިރު، ޗައިނާއަކީ ވެރިކަން ކުރުމުގައި، މި ދެނިޒާމުގެ ތެރެއިން އެއްވެސް ނިޒާމެއް ބަލައިނުގަނެ، ކޮމިއުނިސްޓް ވެރިކަމެއް އޮތް ގައުމެކެވެ. އެގައުމުގައި އޮތް ކޮމިއުނިސްޓް ވެރިކަމަކީ، ގައުމުގެ ރައީސް އުމުރަށް ވެރިކަމުގައި ދެމިހުންނަ ނިޒާމަކަށް ވާއިރު، ގައުމުގެ ހިންގުމުގެ އެއްވެސް ކަމެއްގައި ރައްޔިތުންގެ ބަހެއް ނެތެވެ. ގައުމުގައި އޮތް ގާނޫނު އަސާސީގައި، ވެރިކަން ކުރާނޭ ޕާޓީގެ ނަން އޮންނަނީ ލިޔެވިަފއެވެ. އެއީ އެގައުމުގެ ކޮމިއުނިސްޓް ޕާޓީއެވެ. އެހެންނަމަވެސް، ޗައިނާއަކީ، ތަރައްގީއާއި ތަމައްދުނުގެ ރޮގުން އަދުގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމުވެ.

އެހެންކަމުން، އިސްވެ މިދެންނެވު މަދު ބައެއް މިސާލުތަކަށް ބިނާކޮށް، އަދި އެނޫނަސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮތް ވެރިކަމުގެ ނިޒާމްތަކަށް ނަޒަރު ހިންގާލާއިރު، ގައުމުތަކުގެ އެތެރޭގެ ސުލްހަ މަސަލަސްކަމާ، ވެރިކަމުގެ ނިޒާމުތަކާ ސީދާ ގޮތެއްގައި ގުޅުން އޮތްކަމުގައި ދެންނެވޭކަށް ނެތެވެ.

އެހެންނަމަވެސް ނުސީދާގޮތުން، މި ދެނިޒާމުގައި، ވެރީންނަށް ވެރިކަން ކުރުމުގެ ހައިިސިއްޔަތު ދިނުމާއި، ވޯޓު ލައިގެން ރައްޔިތުން ނިންމާ ނިންމުންތަކަށް ދައުރުގެ ތެރޭގައި ބަދަލު ގެންނަ ގެނައުމާއި، ހެދޭ ކޯލިޝަންތަކާއި، ކޯލިޝަންތައް ރޫޅިގެން ދިއުމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމަށް އަންނަ ސިޔާސީ ހަލަބޮލިކަމުގެ ނިސްބަތުން ވިސްނާއިރު، މި ދެނިޒާމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްލަންޖެހެއެވެ.

 

ވޯޓު ލައިގެން ރައްޔިތުން ނިންމާ ނިންމުންތަކައް ފަސޭހަކަމާއެކު ބަދަލު އައުން

އިސްލާމީ ގައުމުތަކުގެ ތެރެއިން، އެންމެ ރަގަޅު އެއް ބަރުލަމާނީ ނިޒާމެއް އޮތް އެއްގައުމަކީ، މެލޭޝިއާ ކަމުގައި ދެންނެވިދާނެއެވެ.

އެގައުމުގެ ބަރުލަމާނީ ނިޒާމުގެ އޮނިގަޑުގައި ރައީސަކު ނުހުންނަވައެވެ. އެހެންނަމަވެސް، ބަރުލަމާނީ ނިޒާމުގައި އޮންނަ އެންމެ ޚާއްސަ އެއް ސިފަކަމުގައިވާ، ރަމްޒީ މަގާމުގައި ހުންނަވާ ދައުލަތުގެ އެންމެ އިސް ވެރިޔާއަކީ އެގައުމުގައި ރަސްގެފާނެވެ. ބޮޑުވަޒީރުކަމަށް މީހަކު އަޔަން ކުރުމުގެ އެންމެ ފަހުބަސް އިއްވަނީ ރަސްގެފާނެވެ. އެހެންނަމަވެސް، ރަސްގެފާނު އޭނާގެ ބަސް އިއްވަވަނީ، ގާނޫނު ހަދާ މަޖިލިހުގެ ތާއީދަށް ބައްލަވައިގެންނެއެވެ.

މެލޭޝިއާގައި، އެންމެ ފަހުން ބޮޑުވަޒީރަކު ހޮވުމަށްޓަކާ އާންމު އިންތިޚާބެއް ބޭއްވިގެން ދިޔައީ 2018ވަނަ އަހަރުއެވެ. އެ އިންތިޚާބު، އޭރުވެރިކަމުގައި އޮތް، އެގައުމުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރަމުންއައި އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އަމްނޯ ބަލިކޮށް ވެރިކަމަށް އައީ، އަލަށް އުފެއްދި ކޯލިޝަން އަކުންނެވެ. މެލޭޝިއާގައި ތިއްބެވި، ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ ދެބޭފުޅުން ކަމުގައިވާ މަހާތީރު މުހައްމަދުއާއި އަންވަރު އިބުރާހިމް ގުޅިވަޑައިގެން އެ އިންތިޚާބު އެކޯލިޝަނުން ކާމިޔާބު ކުރައްވާ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މަހާތީރު މުހައްމަދުއެވެ. ބޮޑުވަޒީރުގެ ނާއިބަކަށް ވަޑައިގެންނެވީ އަންވަރު އިބުރާހިމްގެ އަނބިކަބަލުންނެވެ.

މެލޭޝިއާގައި އޭގެ ކުރިންވެސް ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި މަހާތީރަކީ ކުރިން އަމްނޯއަށް ނިސްބަތްވި ލީޑަރަކަށް ވިޔަސްވެސް، ފަހުން އެޕާޓީ ދޫކުރައްވާ އޭނާ ހެއްދެވި ޕާޓީއަކީ ކުޑަ ޕާޓީއެކެވެ.

އެހެންނަމަވެސް، ރައްޔިތުން ވޯޓު ފޮށިތައް ކައިރިއަށް ނިކުމެ، ވޯޓު ލައިގެން، ބޮޑުވަޒީރުކަން ހަވާލުކުރި ބޮޑުވަޒީރަށް ގާނޫނު ހަދާ މަޖިލިހުގައި އޮތް ތާއީދު ގެއްލި، ވަރިކަމަށް 18ވަރަކަށް މަސްދުވަސް ވީތަނާ މަހާތީރު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި އޭނާއަށްފަހު އާ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި މުހުޔިއްދީން ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާކަށް އާންމު އިންތިޚާބެއް ނުބާއްވައެވެ. އަދި ބޮޑުވަޒީރުކަމުގައި 18 މަސްދުވަސް ފާއިތު ވީތަނާ އޭނާއަށްވެސް، ގާނޫނު ހަދާ މަޖިލިހުގެ ތާއީދު ގެއްލި، ފާއިތުވެ ހަފްތާގައި އާ ބޮޑުވަޒީރަކު ވަނީ މޭޝިއާގައި އައްޔަން ކޮށްފައެވެ. އޭނާ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީވެސް ރައްޔިތުންގެ ގާތު ހޭވެސް އަހާނުލައެވެ. މެލޭޝިއާގެ އާ ބޮޑުވަޒީރު އިސްމާއިލް ސަބުރީއަކީ އެގައުމުގެ 9 ވަނަ ބޮޑުވަޒީރެވެ.

އިސްމާއިލް ސަބުރީއަކީ، މިދައުރުގައި މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާ 3 ވަނަ ބޭފުޅާ

އެއް ދައުރެއްގެ ތެރޭގައި މެލޭޝިއާގެ ވެރިކަމަށް 3 ބޮޑުވަޒީރުން ވަޑައިގެންނެވިއިރު، އެތައް ކެމްޕޭނަކާއި، އެތަކެއް ވައުދުތަކެއްގެ މައްޗަށް އިތުބާރުކޮށް ރައްޔިތުން 2018ވަނަ އަހަރު ލީ ވޯޓުގެމަތިން، މިއަދު ހަދާން ކުރާނޭ މަޖިލިސް މެމްބަރަކު މިއަދު އެގައުމުގައި ނެތެވެ.

އެހެންކަމުން، ކުރު ގޮތަކަށް ދަންނަވަނީ ނަމަ، ބަރުލަމާނީ ނިޒާމަކީ، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ވެދިއުމަށްފަހު، އެމެމްބަރުން ހަދާ ޑީލްތަކާއި، ކޯލިޝަންތަކާއި، އެއްބަސްވުންތަކުގެ މައްޗަށް ހިނގަހިނގާ އޮންނަ ނިޒާމެކެވެ. ސިޔާސީ ގޮތުން އެންމެ އިސް ބަސް ބުނާ މީހާ މަގާމަށް އައްޔަން ކުރުމުގައި ރައްޔިތުންގެ ސީދާ ބަސް ގިނަފަހަރަށް އެނިޒާމުގައި ނޯވެއެވެ.

ނަތީޖާއެއްގެ ގޮތުން، ވެރިކަމުގެ ސިޔާސަތުތަކަށް ތާއަބަދު ބޮޑެތި ބަދަލުތައް އައިސް، ސިޔާސީ އެއްވިސްނުމަކަށް މި ނިޒާމުގެ ތެރޭގައި އާންމު ގޮތެއްގައި ދިގު މުއްދަތަކަށް ދެމިއެއް ނޯވެވެއެވެ.

އަދި ހަމަ އެބީދައިން، ބަރުލާމާނީ ނިޒާމުގައި، އެނިޒާމު ދެމެހެއްޓުމުގެ، ރަސްމީ އެންމެ އަސާސީ ސިފައަކީ، ކޯލިޝަންތައް ހެދުން ކަމަށް ވާތީވެ، ބައެއް ހާލަތްތަކުގައި، ގާނޫނު ހަދާ މަޖިލިހުގައި އޮންނަ އެންމެ ކުޑަ ޕާޓީއަކީ އެންމެ ބާރުގަދަ ޕާޓީއަށްވެސް ވެގެންވެސް ގޮސްފައިހުރީ މަދެއްކޮށެއް ނޫނެވެ.

މީގެ އެންމެ ފުރިހަމަ މިސާލު މިއަދު ފެންނާން އޮތް އެއް ގައުމަކީ އިސްރާއީލެވެ.

އެގައުމުގައި 12 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރަމުންއައި، ނަތަންޔާހޫ މަގާމުން ދުރުކުރުމަށް، އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ޖެހުނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ އެންމެ ކުޑަ ޕާޓީތަކާއެކީ ކޯލިޝަން ހަދާ، އަަދި އެންމެ ފަހުން، ބޮޑުވަޒީރުކަންވެސް އެންމެ ކުޑަ އެއް ޕާޓީއަށް ދޫކޮށްލުމަށެވެ.

އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ނިސްބަތްވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓްގައި އެންމެ 7 ގޮޑި ތަމްސީލު ކުރަމުންދާ ކުޑަ ޕާޓީއަކަށެވެ. އަދި ހަމަ އެއާއެކު، މި ކޯލިޝަން ދަމަހައްޓާ، ނަތަންޔާހޫ މަގާމުން ދުރުކުރުމަށް، އެންމެ ފަހުން، އާ ކޯލިޝަނަށް މަޖުބޫރުވީ، އިސްރާއީލުގައި އަރަބި މުސްލިމުން ތަމްސީލު ކުރަމުންދާ ރާމް ޕާޓީއަށްވެސް ކޯލިޝަނުން ޖާގަ ދޭށެވެ. 120 މެމްބަރުން ތިބޭ ކެނެސެޓްގައި މިޕާޓީން ތަމްސީލު ކުރަމުންދަނީ އެންމެ 4 ގޮޑިއެވެ.

އެހެންނަމަވެސް، މި ޕާޓީވެސް ކޯލިޝަނުން ވަކިވާ ހިސާބުން މިކޯލިޝަންގެ ބޮޑުވަޒީރަށް ބޮޑުވަޒީރުކަމުގެ މަގާމް ގެއްލި، ސަރުކާރު ވެއްޓިގެން ދާނެއެވެ. މިއުސޫލުން ބަލާއިރު، ގާނޫނު ހަދާ މަޖިލިހުގައި އެންމެ ހަތަރު ގޮޑި ތަމްސީލު ކުރިއެއްކަމަކު، މި ޕާޓީގެ ނުފޫޒާއި ބާރު، އިސްރާއީލުގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ޕާޓީތަކާއެއްވަރަށް މިހާރު އެބައޮތެވެ.

އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު (ކަނާތް ފަރާތުގައި) ބެނެޓްއަކީ ގާނުނުހަދާ މަޖިލިހުގައި އެންމެ 7 ގޮޑި ތަމްސީލު ކުރާ ޕާޓީގެ ލީޑަރު

 

ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވަނީ ކޮން ނިޒާމެއް؟

ދުނިޔޭގެ ގައުމުތައް ބަރުލަމާނީ ނިޒާމުގައި ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، ފާހަގަވާން އޮތްކަމަކީ، ބަރުލަމާނީ ނިޒާމަކީ، އަވަސް އަވަހަށް ވެރިކަންތައް ބަދަލުވެ، ސިޔާސީ އެންމެ އިސްމަގާމުގައި ހުންނަވާ ބޮޑުވަޒީރު މަގާމުން ދުރުކުރުމާއި އައްޔަން ކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ ނިޒާމަކަށް ވާއިރު، މި ނިޒާމުގައި ދައުރެއްގައި އެތައް ފަހަރަކު ވެރީން ބަދަލުވާން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެފަދަ، ސިޔާސީ ހަސަދައާއި، ނަފްރަތާއި، އަދި ތަރައްގީގެ ހުރިހާ މަޝްރޫއަކާއި، ސަރުކާރުތަކުން ކުރަމުންދާ ބޮޑެތި ހޭދަތަކާއި، އަދި ދައުލަތުގެ އިސްމަގާތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުންވެސް މި ޖަޒުބާތުގެ މައްޗަށް އިންތިހާއަށް ބިނާވެގެން ގޮސްފައިވާ ގައުމެއްގައި، ސަރުކާރުގެ އެންމެ އިސްވެރިޔާ، ދައުރުގައި އެތައް ފަހަރަކު ބަދަލުވެގެން ދާންޖެހުމުން ދެން ނިކުންނާނޭ ނަތީޖާ ވިސްނުމަށްވެސް ގަނައުމަކީ ފަސޭހަކަމަކަށް ވެގެން ނުދެއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތަކީ، ކޮންމެ ރިޔާސީ ދައުރެއް ނިމިގެން ދިއުމާއެކު، އުމުރަށް އައްޔަން ކޮށްފައި ތިބޭ ސުޕްރީމް ކޯޓުގެ ފަޑިޔާރުންވެސް އެބަ ބަދަލުވެއެވެ. ވަކި މުއްދަތަކަށް އައްޔަން ކުރެވޭ މިނިވަން މުވައްސަސާތަކުގެ މެންބަރުންވެސް، އަންނަ ސަރުކާރަކުން ބަދަލު ކުރެއެވެ.

އަދި، ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓާފައިވަނީ، އެ ސަރުކާރެއްގެ މެނިފެންސްޓޯއެވެ. ކިތަންމެ ބޮޑެތި ހޭދަތަކެއް ކުރިކަމުގައިވި ނަމަވެސް، ކުރީ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކަށް އަންނަ ސަރުކާރަކުން ބޮޑެތި ބަދަލުތަކެއް ގެނެއެވެ.

މިހުރިހާ ކަންކަމުގެ މައްޗަށްވެސް، ދިގުދެމިގެންދާ އަނެއްކަމަކީ، އެއް ސަރުކާރު އަނެއް ސަރުކާރުގެ މައްޗަށް ކުރަމުންދާ ބޮޑެތި ތުހުމަތުތަކާއި، ދައުވާތަކާއި ޝަރީއަތްތަކެވެ. މީގެ ބައެއް ތުހުމަތުތަކަކީ ހަގީގަތުގެ މައްޗަށް ބިނާވާ ތުހުމަތުތަކާއި، ދައުވާތަކާއި، ޝަރީއަތްތައް ކަމަށް ވެގެން ދިޔަނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތީ، އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލު ހިފުމާއި ނިމުމެއް ނުވާ ހަސަދަވެރިކަމެވެ.

ނަޝީދު ބޭނުންފުޅުވަނީ، ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން

އެހެންކަމުން، މިއަދު މިއޮތް ސިޔާސީ މަސްރަހުގައި، 5 އަހަރުގެ ތެރޭގައި އެތައް ސަރުކާރަކުން ގައުމުގައި ވެރިކަން ކުރަންޖެހިއްޖެނަމަ، ނިކުމެގެންދާނޭ ނަތީޖާއަކީ، ފިނި ސިކުނޑިއަކުން ވިސްނާ، ހަމަ ކޮންމެ މީހަކުވެސް ވަޒަން ކޮށްލުން އެންމެ ރަގަޅު ކަމެއްކަމުގައި ނޫނީ ނުވާނޭކަން ކަށަވަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައޔިތުމީހާ
ވަރައް ފުރިހަމަ އާޓިކަލްއެއް
ވަރައް ފުރިހަމަ އާޓިކަލްއެއް