ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ ޝަރިޢަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފައިފިއެވެ.
ކުރީގެ މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ މައްސަލަ މިހާތަނަށް ނުބެލި އޮތުމަށްފަހު، މި މައްސަލަ ބެލުމަށް ހަވާލުވެވަޑައިގެންފައިވަނީ ޤާޟީ މުހައްމަދު މިސްބާހެވެ. މީގެ ކުރިންވެސް ދެ ފަނޑިޔާރަކު މި މައްސަލަ ބެލުމަށް ހަވާލުވިއެވެ. މިގޮތުން އެންމެ ފުރަތަމަ މައްސަލަ ބެއްލެވުމަށް ހަވާލުވެވަޑައިގަތީ ޤާޟީ އަލީ ރަޝީދެވެ. ނަމަވެސް ޢަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއެކު ދެން އެ މައްސަލަ ބެލުމާއި ހަވާލުވެވަޑައިގަތީ ޤާޟީ މުހައްމަދު ސަމީރެވެ. ނަމަވެސް، ޤާޟީ ސަމީރު ވަނީ އަމިއްލައަށް އެދިވަޑައިގެން ޑްރަގު ކޯޓަށް ބަދަލުވެވަޑައިގެންފައެވެ.
ޤާޟީ މިސްބާހު ހަވާލުވެވަޑައިގެން މިއަދު ވަނީ މިމައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. މި އަޑުއެހުމުގައި ޤާޟީ ވަނީ ކުރިން މައްސަލަ ގޮސްފައިވާ ހިސާބުން ފައްޓަވާފައެވެ. އަދި މިއީ މައުޟޫއީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްކަަމަށްވެސް ޤާޟީ ވިދާޅުވިއެވެ. އެހެންކަމުން ދެން މި މައްސަލާގައި އޮންނާނީ ޝަރީޢަތުގެ މަރުހަލާއެވެ.
ޑޮކްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލާގައެވެ.
މި މައްސަލާގައި ޑރ.ޒިޔާދުގެ މައްޗަށް މައްސަލަ ސާބިތުކުރުމަށް ވަނީ ފަސް ޝަފަވީ ހެއްކާއި ކިތާބީ ހެކިހުށައަޅާފައެވެ. އެހެންކަމުން ޑރ.ޒިޔާދުގެ ދިފާޢީ ވަކީލް ވަނީ މިއީ އަވަހަށް ގެންގޮސް ނިންމާލެވޭނެ ޝަރީޢަތެއްކަން ފާހަގަކޮށްފައެވެ. އޭނާ ވަނީ މައްސަލަ ދިގުލައިގެން ގޮސް ކުށުގެ ވެށީގައި ނުހިމެނޭ ބަޔަކު އަދުލުގެ ނިޒާމްގެ ތެރޭގައި ހިމަނާ ދިގުލައިގެން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒިޔާދުގެ ވަކީލް ވަނީ އެކަމުގެ ސަބަބުން ޑެ.ޒިޔާދަށް ގެއްލުންތަކެއް ލިބެމުން އަންނަކަމަށާއި، އޭނާގެ އަބުރަށާއި މަޤާމަށްވެސް އުނިކަން އަންނަކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލައިގެ ޝަރީޢަތް އަވަހަށް ގެންގޮސް ނިންމައިދިނުމަށް ޑރ.ޒިޔާދުގެ ވަކީލް އެދިވަޑައިގަތެވެ. މިމައްސަލާގައި ދައުލަތުގެ ވަކީލްވެސް ވަނީ މައްސަލަ އަވަހަށް ގެންދިއުމަށް ތައާވަލެއް އެކުލަވާލާަށް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ ޤާޟީވެސް ވިދާޅުވީ، ޝަރީޢަތުންވެސް ބޭނުންވަނީ މައްސަލަ އަވަހަށް ގެންދިއުމަށްކަމަށެވެ. އަދި ހަތަރު އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމޭނެކަމަށް ލަފާކުރެއްވޭކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. ޤާޟީ ވަނީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މިމައްސަލަ ނިންމޭނެގޮތަށް ތަޢާވަލެއް އެކުލަވާލާ ހިއްސާކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ވިދާޅުވެފައިވަނީ، ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ މުޢާމަލާތުގެ ތެރޭގައި ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލަ ތަހުޤީގުކުރުމަށް ފުލުހުންނަށް ހުށައެޅުމަށް އޭސީސީއަށް އަންގާފައިވާކަމަށެވެ.
ޒިޔާދުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި “ދާރުލް ޒިކްރާ”ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ