ލަންކާގެ އައު ފޮރިން މިނިސްޓަރާއި ގުޅުއްވާ މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވައިފި

ލަންކާގެ އައު ފޮރިން މިނިސްޓަރާއި ގުޅުއްވާ މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވައިފި

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2021 10:40
0

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ސްރީލަންކާގެ އާ ޚާރިޖީ ވަޒީރު ޕްރޮފެސަރ ޖީ.އެލް.ޕީރިސްއާ ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވައިފިއެވެ.

މި ކޯލްގައި މިނިސްޓަރ ޝާހިދު ވަނީ ޕްރޮފެސަރ ޕީރިސް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ، ސުލްހަޔާ ރައްކާތެރިކަމާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަދި މީގެ އިތުރުން ކޮވިޑް-19ގެ ޙާލަތާއި، ދެކުނު އޭޝިއާ ސަރަހައްދުގައި މި ބަލި ފެތުރެމުންދާ ގޮތާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އަދި ވެކްސިން ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް ސްރީލަންކާ ސަރުކާރުން ކުރެއްވި ތާއީދަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގެ އަމާޒަށް ވާސިލްވުމަށް ސްރީލަންކާއާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ޕީރިސްއަށް ދެއްވާފައެވެ. އަދި މީގެ އިތުރުންވެސް ބައިނަލްއަޤްވާމީ ރޮނގުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޕްރޮފެސަރ ޖީ.އެލް ޕީރިސް ސްރީލަންކާގެ ޚާރިޖީ ވަޒީރުކަމާ އަނެއްކާވެސް ހަވާލުވެވަޑައިގަތުމާ ގުޅިގެން ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ މަރުޙަބާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.