ދިޔާނާ، އިމްރާނަށް: ސަރުކާރުގެ ހިއްސާ ނަގައިގެންތިބީ، ދީނީ ސިޔާދަތު ރަހުނުކޮށްގެން

ދިޔާނާ، އިމްރާނަށް: ސަރުކާރުގެ ހިއްސާ ނަގައިގެންތިބީ، ދީނީ ސިޔާދަތު ރަހުނުކޮށްގެން

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 11:31
0

އަދާލަތު ޕާޓީން ސަރުކާރުގެ ހިއްސާ ނަގައިގެން ތިބީ ދީނީ ސިޔާދަތު ރަހުނުކޮށްގެން ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ކިރިޔާ ވެސް ބުރޫއަރާ ފަދަ ކަމެއް މި ސަރުކާރުން ކުރާ ނަމަ، ސަރުކާރު ހިންގާ ކޯލިޝަނާއެކު ނުހުންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރޭ ބޭއްވި އަދާލަތު ޕާޓީގެ ޖަލްސާގައި ވިދާޅުވެފައެވެ. އިމްރާން ގެ ވާހަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތްބަޔަކު ސަރުކާރުގެ ކޯލިޝަންގެ ތެރެއަށްވަދެ ބައި އަޅަންގެން ތިބިކަމަށެވެ.

ދިޔާނާ ވިދާޅުވީ ވެރިކަމުގެ ތެރެއިން އާރާއި ބާރު ހޯދުމަށް، އަދާލަތު ޕާޓީން ނުވިއްކާނެ އެއްޗެއް މި އުޑު ދަށުގައި ނުހުންނާނެކަމަށެވެ. މިއަދު ސަރުކާރުގެ ތެރެއިން ފެނިގެންދަނީ އަމިއްލަ ކުންފުޏެއް ހިންގާ އުސޫލުން ހިންގާތަންކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ހިއްސާ ނަންގަވައިގެން ތިއްބެވީ ދީނީ ސިޔާސަތު ރަހުނު ކޮށްގެންކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ކޮންތާކު، އަރާއި ބާރު ހޯދުމަށް ތިޔަ ބޭފުޅުން ނުވިއްކާނެ އެއްވެސް އެއްޗެއް މި އުޑުހިޔާ ދަށުގައި ނެތް. ރައްޔިތުންގެ ތާއީދެއްނެތް، އިރުވެސް، ސަރުކާރު އަމިއްލަ ކުންފުންޏެއްހެން ފޮތޮފޮތި ކޮށްގެން ހިއްސާ ނަގައިގެން ތިއްބެވީ، ދީނީ ސިޔާދަތު ރަހުނުކޮށްގެން.

– ދިޔާނަ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުން އިސްލާމްދީނާއި މިނިވަންކަމަށް ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތްކުރާ ނަމަ ސަރުކާރާ އިންޗިއެއް ވެސް ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު އެ އަސާސްތަކާ ހިލާފުވެއްޖެ ނަމަ، ކޯލިޝަން ރޫޅައިލަން ނުކުންނަވާނެ ކަމުގެ އިންޒާރު ދެއްވިއެވެ. މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ދީފައިވާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން ދިޔަ ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކަން ދޮގުކުރެއެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ ދައުރު ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ ހައިބަތާ އެކު ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވެއެވެ. އިމްރާން ވިދާޅުވިގޮތުގައި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ޕާޓީގެ އެތެރޭގައި ކުރިއަށް އެބަދެ އެވެ. އެކަމަކު އެ މަސައްކަތުގެ އިތުރުން ޕާޓީ އަށް އަލަށް ގުޅޭ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.