ފަނޑިޔާރަކު ދަމާ ނެރޭކަލަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅާފައިވާ ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤު ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލެވިފައިވާގޮތުން އެއްވެސް ރައްޔިތަކަށް އިންސާފު ލިބިގެން ނުދާނެކަމަށެވެ. ރާއްޖޭގެ ފަނޑިޔާރުގޭގައި ޒަމާނުއްސުރެ ހުރި މައްސަލަތައް ހައްލުކުރެވޭނީ ޖޭއެސްސީން ކަމަށްވާއިރު، ޖޭއެސްސީ ތެރެއިން ފެންނަނީ ސިޔާސީ މަސައްކަތް ކުރެވެމުންދާ މަންޒަރުކަމަށެވެ.
ތޯރިޤް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 1 ފެބްރުއަރީ 2018 ގައި ސްޕްރީމްކޯޓުން ނެރުއްވި ހުކުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ވަކި ސިޔާސީ މަޤްސަދެއްގައި ނެރުއްވި ހުކުމެއްކަމަށެވެ. މިހުކުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާ ނަންގަވައި ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ތޯރިޤް ވިދާޅުވީ މި ހުކުމަކީ ސްޕްރީމްކޯޓުގައި އޭރު ތިއްބެވި ބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ނެރުއްވި އަމުރެއްކަމަށެވެ.
2013 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ފަރާތުން ސްޕްރީމްކޯތަށް ހުށަހެޅި، އެމައްސަލަޔާއި ހިސާބުން ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ހީފުޅުކުރެވިފައި އޮތީ މިއޮތީ ޤައުމުގެ ބާރު ދެން ތިމަންނާމެންގެ އަތައް އަރާފައޭ. ތިމަންނަމެންގެ އަތަށް ޤައުމުގެ ބާރު އަރާފައޭހިތާ ހިތުހުރި ހުކުމްތައް އައީ ނެރެމުން. އޭގެ ހުކުމެއް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި ވާހަކަ. އޭރު ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރެފައިވާ އަމުރަކީ ފުރާޅު އެކަންޏެއްނޫން. ފައިގަ ހިފާ ދަމާ ހަލާފަވެސް އެމީހުން ނެރެންޖެހޭ ކަހަލަ އަމުރެއް.
– އަހުމަދު ތާރިޤް
ތަރިޤްގެ މިވާތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ފަނޑިޔާރުންނާއި ގުޅޭގޮތުން މިފަދަ ވަހަތައް ދެއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. އެއީ ޤާނޫނު އަސާސީގެ ރޫޚާއި މުޅިން ޚިލާފް ކަމެއްކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ދެންމެ ތި ވިދާޅުވީ ޤާނޫނު އަސާސީގެ ރޫޚާއި ޚިލާފް ވާހަކަފުޅެއް. ފަނޑިޔާރަކު ދަމާނެރޭކަހަލަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ.
– މުހައްމަދު ނަޝީދު
ރައީސް ނަޝީދު މިއަދު މިފަދަ ގޮތަކަށް ވިދާޅުވިއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ކްރިމިނަލް ކޯޓާއި 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އޯޑަރަށް އަބްދުﷲ ޤާޒީ ގެންގޮސް ވަނީ ގިރިފުށީގައި ބަހައްޓާފައެވެ.
ކޮމެންޓު ފޮނުވާ