ފަހުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު އެސެޓް ރިކަވަރީ ކޮމިޝަނަށް ޙާޒިރުކޮށްފިއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް މިއަދު އެދެބޭފުޅުން ޙާޒިރުކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ނިހާން އެކޮމިޝަނަށް ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ފަރާތްތައްވެސް އެސެޓް ރިކަވަރީ ކޮމިޝަނަށް މިދުވަސްވަރު ޙާޒިރުކުރާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެކަން އެދެޕާޓީންވެސް ދޮގުކުރެއެވެ.
މިއަދު ނިހާން އެކޮމިޝަނަށް ހާޒިރުވެވަޑައިގެންފައިވަނީ ޤާނޫނީ ވަކީލަކާ އެކުކަމަށް ޚަބަރު އޮންލައިނަށް އެނގިފައިވެއެވެ. އަދި އޭނާގެ ބޭންކު އެކައުންޓްތަކުގެ ތަފްސީލް އެކޮމިޝަނާއި ހިއްސާކޮށްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އަޙްމަދު އަދީބާއި، ނިހާން އެސެޓް ރިކަވަރީ ކޮމިޝަނަށް މިއަދު ޙާޒިރުކޮށްފައިވާއިރު، އެދެބޭފުޅުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު ވަރަށް އަރިސް ދެބޭފުޅުންނެވެ. ޚާއްޞަކޮށް އަޙްމަދު އަދީބު، ނާއިބު ރައީސްއަކަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއްބޭފުޅަކީ އޭރުގެ ޕީޕީއެމްގެ ޕީޖީ ލީޑަރުކަން ކުރައްވަމުން ގެންދެވި އަޙްމަދު ނިހާން އެވެ. ނިހާން ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިއާއި ގުޅިވަޑައިގެންފައެވެ. ނިހާނަކީ މިހާރު ޖޭޕީގެ ކައުންސިލް މެންބަރެއްވެސްމެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް 267 މީހަކަށް ތުހުމަތު ކުރެވޭއިރު އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެމެންބަރުން އަދި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި މިހާރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ