ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތްތައް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފިއެވެ.
ޑރ.ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލާގައެވެ. ޑރ ޒިޔާދު އިސްލާމިކް މިނިސްޓަރުގެ ކަމުގެ މަޤާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލާއި ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާކަމަށެވެ. އަދި މި މައްސަލާގައި ޑރ ޒިޔާދުފގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.
މި ކުށް ސާބިތުވެއްޖެނަމަ ޑރ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މ. މުޙައްމަދީ އާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ޕީޖީ އޮފީހުން ވަނީ އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާއި ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް އެ ކުންފުންޏަށް ނާޖައިޒު ފައިދާއެއް ހޯދާއިދޭން އިބްރާހިމް އަބްދުﷲ މަސައްކަތް ކޮށްފައިވާކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ ކިޔާ ކުންފުޏެއްކާވެސް މުޢާމަލާތު ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ތެރޭގައި ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެކުންފުނީގެ ބައެއް އިސްވެރިންގެ މައްސަލަ ތަހުޤީގުކުރުމަށް ފުލުހުންނަށް ހުށައެޅުމަށް އޭސީސީއަށް އަންގާފައިވާކަމަށްވެސް ޕިޖީ އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ