ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅަައިފި އެވެ.
އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ގުޅިގެން ކުރާ ދައުވާއެއްކަމަށް މައުލޫމާތު ލިބިފައެވެ. އަދުރޭގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައިގައި ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނޮވެމްބަރު 28، 2019 ގައި ނިންމުމާ އެކު، ކޯޓުން ބޭރުގައި ސަޕޯޓަރުންގެ ކައިރީގައި އަދުރޭ ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ.
ގާނޫނުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުމަށް ލިބޭ އެންމެ ބޮޑު އަދަބަކީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށް ތަކުރާރުވުމާއި އެފަދަ ކުށްތަކުގެ ރިކޯޑަށް ބަލައި އެމީހަކަށް ލިބޭ އަދަބު ދަރަޖަ ކުރެވޭނެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ އިދިކޮޅު ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ބިރު ދެއްކުމަށް ސަރުކާރުން ކުރާ ސިޔާސީ ދައުވާއެއްކަމަށެވެ.
ކޮމެންޓު ފޮނުވާ