ފުލުހުންގެ މުއައްސަސާގައި ތިއްބެވި އެންމެ ތަޖުރިބާހުރި ބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަކީ، ފުލުހުންގެ މުއައްސަސާއަށް ދެވޭ އެންމެ ބޮޑު ގެއްލުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާ އިސްލާހުކުރަން އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ.ޝަހީމް ވިދާޅުވީ، ފުލުހުންގެ މުއައްސައާއަކީ ސިޔާސީ ގޮތުން ކަންތައްތަކެއް ހާސިލް ކުރުމަށް އެއްވެސް ގޮތަކަށް ކުޅެގެންވާނެ މުއައްސަސާއެއް ނޫންކަމަށެވެ. ފުލުހުންގެ މުއައްސަސާގައި ތިއްބެވި އެންމެ ތަޖުރިބާ ހުންނެވި ބޭފުޅުން މަޤާމުން ވަކި ކުރުމަކީ މުޅި މުއައްސަސާއަށް ދެވިގެންދާނެ ބޮޑު ގެއްލުމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
މިއީ އިސްލާހެއްނޫން. ތަނުގެ ތިބި އެންމެ ތަޖުރިބާހުރި ފަރާތްތައް ވަކި ކޮށްލުމަކީ މުއައްސަސާއަށް ދެވޭނެ އެންމެބޮޑު ގެއްލުން. ސިޔާސީ ގޮތުން ކުޅެންޖެހޭ ތަނެއްނޫން.
– ޑރ.ޝަހީމް ވިދާޅުވިއެވ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ހަމަޖެހިފައި ވަނީ:
– ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
– އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
– ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
– އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
– އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
– ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
– ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
އެކަމާ ގުޅިގެން ޕޮލިސް ބޯޑުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުން ޕޮލިސް ބޯޑާ ހަވާލުކޮށްފައިވާ އެއް މަސްއޫލިއްޔަތަކީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.
އެގޮތުން އޮފިސަރުންގެ ގާބިލުކަން ވަޒަން ކުރުމަށް ކުރި މަސައްކަތަށް ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތީން އެކަން ތަންފީޒު ކުރުމަށް ސީޕީ ހަމީދަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.