ޖަރުމަނު ސަރުކާރުން އެގައުމުގައި ކުރިޔަށް ގެންގޮސްފައިވާ ކޯވިޑް19 ވެކްސިން ޕްރޮގްރާމްގެ ސަބަބުން ފާއިތުވެދިޔަ 6 މަހާއި ބައިގެ ތެރޭގައި، އެގައުމުގެ 38،000 މީހުންގެ ފުރާނަ ސަލާމަތް ވެފައިވާކަމަށް ޖަރުމަނުވިލާތުގެ ޕަބްލިކް ހެލްތު އިދާރާއިން ހަދާފައިވާ ދިރާސާއަކުން ދައްކާފައިވާކަމަށް އެގައުމުން ބުނެފިއެވެ.
ޖަރުމަރުނުގެ ރޮބަރޓް ކޮޗް އިންސްޓިޓިއުޓް (RKI)އިން އާންމު ކޮށްފައިވާ ރިޕޯޓުގައި ވާގޮތުން ޔޫރަޕަށްއައި ކޯވިޑް19ގެ ތިންވަނަ ރާޅުގެ ތެރޭގައި ކުރިޔަށް ގެންދެވުނު ވެކްސިން ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން 706,000 މީހުންނަށް ބަލި ޖެހުމުން ސަލާމަތް ކޮށްދީފައި ވެއެވެ.
"ކޯވިޑް19 ވެކްސިން ކެމްޕޭންގެ ފުރިހަމަކަމުން، އަދި ކާމިޔާބުކަމުން، މިވެކްސިންގެ ޒަރީޢާއިން މިކާރިސާއިން ސަލާމަތްވެވޭނޭ މަގު އެބަ ފެނޭ،" ރޮބަރޓް ކޮޗް އިންސްޓިޓިއުޓްއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ،
މެދުނުކެޑި 10 ހަފްތާވަންދެން ޔޫރަޕްގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވަމުން ގޮސްފައިވަނިކޮށް، ފާއިތުވި ޖުލައިމަހުގެ 1 ވަނަ ދުވަހު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO)އިން ވަނީ، ޔޫރަޕްގައި ކޯވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އޭގެކުރިން އައި ޖޫންމަހުގެ ފަހު ހަފްތާގައި %10 މަތިވެފައިވާކަމުގެ އިންޒާރު ދީފައެވެ.
WHOއިން ޔޫރަޕަށް ކަޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ކްލުގް ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން އޭރު ވިދާޅުވެފައިވަނީ، ބަލިޖެހޭ މީހުންގެ ނިސްބަތް މަތިވެގެން ގޮސްފައިވަނީ އަލަށް އާންމުވަމުންދާ ވޭރިއެންޓްތަކުގެ ސަބަބުންނާއި، ދަތުރުފަތުރު ކުރުން އިތުރުވުމާއި، ތަންތަނަށް އާންމުން ޖަމާވަމުން ދިއުމުގެ އިތުރުން ކޯވިޑާދެކޮޅަށް އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމުގެ ސަބަބުން ކަމުގައެވެ.
އަލަށް ހަދާފައިވާ ދިރާސާއިން ދައްކާފައިވާ ގޮތުގައި މިއަހަރު ޖެނުއަރީމަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށް، ޖަރުމަނުގައި ކުރިޔަށް ގެންދެވުނު ވެކްސިން ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން، 76,000 މީހުން އެގައުމުގައި ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރުމުންވެސް ސަލާމަތް ކޮށްދީފައި ވެއެވެ.
ރޮބަރޓް ކޮޗް އިންސްޓިޓިއުޓް (RKI)އިން އާންމު ކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން ކޯވިޑް ވައިރަހާ ދެކޮޅަށް މި މުއްދަތުގައި ވެކްސިން ނުދިންނަމަ، އިތުރު 20،000 މީހުން އައިސީޔޫތަކުގައި އެޑްމިޓް ކުރަން ޖެހުނީސްއެވެ.
ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ހެލްތު ޖެންސް ސްޕާން ވިދާޅުވެފައިވާ ގޮތުގައި، އެގައުމުގައި އާބާދީގެ %54.5 (45 މިލިއަން) މީހުންނަށް މިހާރުވަނީ ވެކްސިން ދީ ފުރިހަމަ ކޮށްފައެވެ.
ޖަރުމަނުވިލާތުގައި މިހާތަނަށް އައިއިރު 4 ވެކްސިނެއް ޖެހުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ވަނީ ދީފައެވެ. އެއީ މޮޑާނާއާއި، ފައިޒަރ/ބައޯއެންޓެކް، ޖޯންސަން އެންޑް ޖޯންސަންގެ އިތުރުން އޮކްސްފޯޑުގެ އެސްޓަރާ ޒެނެކާ ވެކްސިންއެވެ.
ކޮމެންޓު ފޮނުވާ