ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވުމާއި ގުޅިގެން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް(ސެމްބެ) ހޫނު ރައްދެއް ދެއްވައިފިއެވެ.
ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާކަމަށް މެންބަރު ޝަރީފް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މެންބަރު ޝަރީފްއަކީ އިންޑިއާގެ ޕާސްޕޯޓް ގެންގުޅުއްވާ ބޭފުޅެއްކަމުގެ ތުހުމަތު އަބަދުވެސް ކުރެވޭކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން އެހެން ބުނުމަކުން ދިވެހިން ހައިރާނެއް ނުވާނެކަމަށްވެސް މެންބަރު ޙުސައިން ވިދާޅުވިއެވެ.
މެންބަރު ޝަރީފަކީ މިހާރުވެސް އިންޑިއާގެ ޕާސްޕޯޓެއް ގެންގުޅުއްވާ ބޭފުޅެއްކަމުގެ ތުހުމަތު އަބަދުވެސް ކުރެވޭ. އިންޑިއާ ރައްޔިތުން އެހެން ބުނުމަކުން ދިވެހިންނެއް ހައިރާނެއް ނުވާނެ.
– ޙުސައިން މުޙައްމަދު ލަޠީފް
މެންބަރު ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް މުހިންމުކަން އެންމެނަށްވެސް އެނގެންޖެހޭކަމަށެވެ. ނަމަވެސް ޗައިނާއާއި އެމެރިކާ ފަދަ ޤައުމުތަކާވެސް ގުޅުން ބަދަހިކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
މެންބަރު ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން ނުފޫޒްފޯރުވާކަމުގެ ތުހުމަތު ދަނީކުރެވެމުންނެވެ. އަދި މިސަރުކާރުން އިންޑިއާއާއި އޮންނަ ގުޅުމަކީ ސިޔާދަތަށް ނުރަނގަޅު އަސަރުކުރާފަދަ ގުޅުންތަކެއްކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ކުރެއެވެ.
ކޮމެންޓު ފޮނުވާ