ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި!

ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި!

Author
ޢަލީ އާދަމް
04 އޮގަސްޓް 2021 05:05
0

އއ. މަތިވެރީގައި، ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުފުރާގެ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނަމޫނާ ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭން އާންމު ކުރި ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަތިވެރީގައި 18 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު، ވެކްސިންޖެހޭ އާބާދީގެ 99 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒްވެސް އެރަށުގައި ވަނީ ފުރިހަމަކޮށްފައެވެ.

މަތިވެރީގެ ޖުމްލަ އާބާދީގައި 860 އަށް ވުރެ ގިނަމީހުން އުޅޭއިރުން އެރަށުގެ އާބާދީގެ 74 އިންސައްތަ މީހުންނަކީ ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުގެ މީހުންނެވެ.

މަތިވެރީގެ އިތުރުންވެސް ބައެއް ރަށްރަށުގައި ވެކްސިންޖެހޭ އުމުރުގެ 99 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. އޭގެތެރޭގައި ހއ. ފިއްލަދޫ، ތުރާކުނު، ހދ. ވައިކަރަދޫ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، މަގޫދޫ، ބ. ފެހެންދޫ އަދި މ. ރަތްމަންދޫ ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެއީ މިއަހަރުގެ މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ވެކްސިންޖަހަން ޝަރުތުހަމަވާ އާބާސީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ޖެހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.