ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާއި ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުދާތީ ކުރީގެ އިސްލާމިކް މިނިސްޓަރގެ ސުވާލުތަކެއް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވައިފިއެވެ.
ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަންޓްރެފިކިންގެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މިމައްސަލާގައި މިހާތަނަށް އަދި ވަކިގޮތެއް ޕީޖީ ނިންމާފައި ނުވެއެވެ.
ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ބަލަން ފެށީ ބ. ބޮޑުފިނޮޅުގައި ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނުކުމެ އެ ރަށުގައި ތިބި ބިދޭސީންތަކެއް ނުކުމެ ރަހީނުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހުންނާ ވެސް ކުރިމަތިލި ހާދިސާތަކަކަށް ފަހުއެވެ.
މިމައްސަލަ ކުރިއަށްނުދަތީ ކަންބޮޑުވުން ފާޅު ކުރައްވައި ޝަހީމް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލު އިންސާފުގެ ތަފާތުކުރުން ކަމުގައެވެ. އަދުލު އިންސާފު ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރައްވަނީ އެންމެ ބޭފުޅަށް ކަމަށާއި، އެކަން އެގޮތަށް ކުރުމުން މުޅި މުޖުތުމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަލީ ރިޒާ މެންނަށް ދައުވާ ނުކޮށް، މިއަދު އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަށް ސަނާ ކިޔާލަން ހަމަޖެހިލައިގެން ތިއްބަވާކަމީ ކަންބޮޑުވާ ކަމެއްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަލީ ރިޒާ އަކީވެސް ކޯޓް ކޭސްތަކެއް އޮތް ބޭފުޅެއް. އެކަމަކު އެކަމެއް ނުހިނގާ. މި ބޭފުޅުން ތިއްބަވަނީ ސަނާ ކިޔައިގެން. މީސްތަކުން ހައްގު ވަނީ ގެއްލިފައި. އިންސާފު މި އޮންނަނީ ރައީސް ޔާމީނަށް އެކަނި. މިސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލު އިންސާފުގެ ތަފާތުކުރުން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވޭ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ފުލުހުން އެއިރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ހަ މަސްވަންދެން މުސާރަ ނުދޭ މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، ބޮޑުފިނޮޅުގައި ގެންގުޅުނު ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް އެމީހުންނާމެދު ހިންގާފައިވާކަން ފުލުހުން ވިދާޅުވެފައިވެއެވެ. ބިދޭސީން އެރަށަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާއިރު، ބިދޭސީންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ ކަން ވެސް ވަނީ ހާމަވެފައެވެ. އޭގެ އިތުރުން އެ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބެލެވޭނެ ކަންކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ރިޒް ކުންފުނީގެ މައްޗަށް ކުރެވޭކަން ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވަނީ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުންނެވެ. އެނގިފައިވާ ގޮތުގައި އެރަށުގައި މަސައްކަތްކުރުމަށް ރިޒް ކުންފުނިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ބިދޭސީންތަކެއް ރާއްޖެ އެތެރެކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ